ޚަބަރު

"ރައީސް މުއިއްޒު ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށް"


  • 70% މަސައްކަތް ނިންމީ މިސަރުކާރުން ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި

  • ރައީސް މުއިއްޒު ވަޑައިގެން ދޮޅު އަހަރުން މުޅި މަންޒަރު ބަދަލުކޮށްލެއްވިކަަމށް ވިދާޅުވި

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، 2023 ވަނަ އަހަރު މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު ހުއްޓިވަޑައިގަންނަވަން ޖެހުނީ ހުރިހައި މާނައެއްގައިވެސް ހުސްކަމެއްގެ ތެރެއަށްކަމަށެވެ. ގިމަތައެއްގެ ފާރުތައް ރޭނި ފެންހިޔާކޮށްފައި ހުއްޓަސް ތަން ހުޅުވުމަށް ގިނަ މަސައްކަތްތަކެއް އަދި ގޮންޖެހުންތަކެއް ހުރިކަމަށެވެ. މިސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އައު ޕެސެންޖަރ ޓާމިނަލްގައި ނިމިފައިވަނީ އެންމެ %30 އެވެ. އަނެއް %70 ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

"ކަރަންޓް ދެވޭނެގޮތެއް ނެތް. ކަރަންޓްގެ ވިއުގައެއްވެސް ނެތް. ނަރުދަމާގެ ނިޒާމެއް ނެތް. ފެން ހިންދާނެ ގޮތެއް ނެތް. ތަނަށް ބޭނުންވާނެ 12 މެގަވޯޓްގެ ކަރަންޓް ނިޒާމު އުފަންކުރީ މި ވައިގެ ބަނދަރުން އުފެއްދި ހީވަގި އަތްތަކުން. ގިމަތައެއް އޮތީތީ ހަމަ ނުހިނގާނެކަން ބުނެދިނީ ހެޑް އޮފް ސްޓޭންޑޭ އެބުނާ މަގު ވުޖޫދުގައިވެސް ނެތަތީ. އެއީ އެ މަގާއި ނުލާ ޓާމިނަލެއް އޮޕަރޭޓް ނުކުރެވޭނެ މަގެއް. ބޭރުން ފައިސާ ހޯދުން އޮތީ އިންތިހާއަށް ދަތިވެފައި. ނަމަވެސް މި މާސިންގާ ގޮންޖެހުން ބޮޑު މަސައްކަތްތައް ކޮނޑުއަޅައިގެން އަޅުގަނޑުގެ އަތުގައި ހިތްޕަވައިގެން ވަޑައިގެންނެވީ މާކުޅަދާނަ ފަހުލަވާނެއް." އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި މާލިމީ ބަދަލުވެ އައު ޕެސެންޖަރ ޓާމިނަލްގެ މަސައްކަތް ހަލުވިކޮށްލިކަމަށެވެ. ރައީސް މުއިއްޒުގެ ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށްކަމަށެވެ.

"މި ކުޑަކުޑަ ދީބުގެ އުމްރާނީ އަޖައިބެއްފަދަ މި މަސައްކަތަށް 10 އަހަރު ފާއިތުވެގެން ބައިކުޅަބަޔަށް ނުނިމި ތާށިވެފައި ވަނިކޮށް މާލިމީ ވަޑައިގެން ދޮޅު އަހަރުން މުޅި މަންޒަރު ބަދަލުކޮށްލައްވައިފި. ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށް. ދިވެހި ސިންގާ ސަނާގެ ހުންގާނުގައި ހިއްޕަވައި އެންމެ ފުރަތަމަވެސް އެ މާލިމީ ވަޑައިގަތީ މި ބަނދަރަށް. ބައްޕައަކު ދަރިއަކަށް ދެއްވާ މިންވަރަށް އިރުޝާދު މިކަމުގައި ދެއްވަމުން މި ގައުމުގެ ވަލީއުލްއަމްރު ވިދާޅުވަމުން ގެންދެވި މި ވައިގެ ބަދަރު ނިންމަވައި ޚިދުމަތަށް ނެރެ ދިވެހިން އުފާކޮށްދޭން ތިމަންމަނިކުފާނު ހާދަ ބޭނުންވެއޭ." އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވީއައިއޭގެ އައު ޕެސެންޖަރ ޓާމިނަލް ނިންމުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި މިއީ ތަޢުރީފު ހައްގު މަސައްކަތެއްކަމަށް މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.