ރ. މާކުރަތު ބަނދަރު ބޮޑުކުރުމާއި ރ. އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ.
މި ދެ މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.
ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަދި އެ އަތޮޅު އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތް @MTCCPlc ޙަވާލުކޮށްފި pic.twitter.com/k0bBjbb2lo
— Min.of National Planning, Housing & Infrastructure (@MoNPHImv) January 13, 2022
މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 45،023.84 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 140 މީޓަރު ބޭރުތޮށި ޖެހުމާއި، 85 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 28 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 129 މީޓަރު އެއްގަމުތޮށި ޖެހުމާއި، 26 މޫރިންގ ރިންގް ހަރުކުމާއި، 5 މޫރިންގ ބޮއި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ރޭމްޕް ހެދުމާއި، 641 އަކަ މީޓަރުގެ ޕޭވްމަންޓު ހެދުމާއި، 9 މަގު ބައްތި ޖެހުމުގެ އިތުރުން މިހާރު ބޭނުންކުރާ ބަނދަރުގައި ހުރި މަރާމާތުގެ މަސައްކަތްތައްވެސް ކުރުން ހިމެނެއެވެ. މި މަޝްރޫޢަށް 26.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 41،980 ކިއުބިކް މީޓަރު ބަނދަރު އަދި ނެރު ފުންކުރުމާއި، 162 މީޓަރު ބޭރުތޮށި ޖެހުމުގެ އިތުރުން 2 ނެރު ބައްތި ޖެހުން ހިމެނެއެވެ. މި މަޝްރޫޢަށް 18.5 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.