ޚަބަރު

މިދައުރު ނިމޭއިރު އިއާދަކުރަނިވި ހަކަތަ، 58 މެގަވޮޓަށް އިތުރުކުރުމަކީ އަމާޒެއް


ސަރުކާރުން މަސައްކަތް ކުރައްވަނީ މިދައުރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތަ 58 މެގަވޮޓަށް އިތުރުކުރުމަށްކަމަށާ، މިއާއެކު ދައުލަތުގެ ބަޖެޓުން 248 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހޯމް ސޯލާ ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ގޭބިސީތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން އިއާދަކުރަނިވި ޙަކަތަ އުފައްދާ އެނިޒާމުގެ ތެރެއިން ބިލު ދެއްކޭނެ އިންތިޒާމު ހަމަޖައްސާ "ހޯމް ސޯލާ" ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރެއްވުމަށްފަހު މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރަން ރާއްޖެއިން ވަކާލާތު ކުރަމުންދާއިރު ތިމާވެއްޓަށް ނުރައްކާވާގޮތަށް ރާއްޖެއިން ކުރަމުންދާ ކަންކަން ހުއްޓާލުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ.

2019ވަނަ އަހަރު އެކަނިވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައި ވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެކަމަށްކުރާ ހޭދަ ކުޑަކޮށް ރައްޔިތުންގެ ވިލުންވެރިކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. މިއަމާޒަށް ވާސިލުވުމަށް އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް 2018ވަނަ އަހަރު ހުރި ނިސްބަތަށްވުރެ %20 އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ހަކަތައިގެ ދާއިރާއިން ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. މިދައުރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ ހަކަތަ 58 މެގަވޮޓަށް އިތުރުކުރުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ފެނަކައިގެ އެންމެބޮޑު މަސައްކަތަކަށްވީ ރަށްރަށުގައި ހުރި ފެނަކައިގެ ނެޓްވޯކްތައް ވަރުގަދަކޮށް ވީރާނާވެފައިވާ ޢިމާރާތްތައް އާކުރުންކަމަށެވެ.

އެހެންކަމުން އިއާދަކުރަނިވި ހަކަތައިގެ ތެރެއިން "ހޯމް ސޯލާ" ޕްރޮގްރާމްގެ ތެރެއަށްވަނުމަކީ މިދާއިރާއިން ފެނަކައަށް ލިބުނު ކުރިއެރުމެއްކަމަށް ސަޢީދު ވިދާޅުވިއެވެ. މީގެއިތުރުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ރަށްރަށުގައި ސޯލާ ޕެނަލް އަދި ޕަވަރ ސްޓޯރޭޖް ޤާއިމުކުރުމަށް ބޭނުންވާ ބިން ނެތުންކަމަށާ، މިއީ ބިން ހިއްކައިގެންވެސް ކުރިއަށްގެންދަންޖެހޭ މުހިންމު މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ގޭބިސީއެއްގައި ސޯލާ ޕެނަލް ހަރުކޮށް މި ނިޒާމުގެ ތެރެއިން ކަރަންޓު ބިލު ދެއްކޭގޮތަށް ކުރިއަށްގެންދާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މީގެދަށުން ގާތްގަނޑަކަށް 1000 ގެއެއްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

2007ވަނަ އަހަރު ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ރާއްޖޭގައި ފެށިފަހުން މިހަތަނަށް 36.5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ރާއްޖޭގައިވަނީ ޤާއިމުކޮށްފައެވެ. މީގެތެރެއިން 20 މެގަވޮޓްއަކީ ވޭތުވެދިޔަ 3 އަހަރު ތެރޭގައި ޤާއިމުކޮށްފައިވާ ސޯލާ ޙަކަތައެވެ. މީގެ އިތުރުން މިވަގުތުވެސް 26 ރަށެއްގައި 11 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި 32.8 މެގަވޮޓްގެ ނިޒާމު ޤާއިމުކުރުމަށް ބީލަން މަރުޙަލާގައި ހުރިއިރު 9 ރަށެއްގައި މިމަސައްކަތް ޕްރީޓެންޑަރިން މަރުޙަލާގައި ކުރިއަށްދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.