ތަރައްްޤީ

ޒޯން 1 ގައި ފެރީގެ ޚިދުމަތް އޭޕްރީލްމަހުގެ ފެށޭނެ: މިނިސްޓަރ އަސްލަމް


ހައި ސްޕީޑް ފެރީ ނިޒާމު މަޝްރޫޢުގެ ދަށުން ޒޯން އެކެއްގެ ހުރިހާ ރަށްތަކަށް މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަަށް ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނ. މަނަދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެންމެ އުތުރުން، ހއ. ހދ އަދި ށ އަތޮޅަށް ފެރީގެ ޚިދުމަތްދޭން ފެށުމަށް އެމް.ޓީ.ސީ.ސީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒުގައި ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ. މި ނިޒާމުގެ ޒޯން 1 ގެ ޚިދުމަތަށް 17 ފެރީ ބަނުމުގެ މަސައްކަތާއި، ފެރީ ޓާމިނަލްތަކާއި ޕަސެންޖަރ ސްޓޮޕްތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ޒޯން އެކެއްގައި ބޭނުންކުރާ ފުރަތަމަ ފެރީ މިހާރުވަނީ މޫދަށް ބާލައި ޓެސްޓްކޮށްފައެވެ.

ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، އުތުރުގެ ރަށްރަށުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 17 ފެރީ ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާއި ޙަވާލުކޮށްގެން ކުރިއަށްދާއިރު، މިހާރު އޭގެ ތެރެއިން 4 ފެރީ ބަނދެނިމި، އިންޖީނުވެސް އަޅާ ނިމިފައިވާކަމަށެވެ. މި ފެރީތަކަކީ ޖާގަ ތަނަވަސް، ޒަމާނީ ޚިދުމަތްތަކާއެކު ފަރުމާކުރެވޭ ފެރީތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، މި 17 ފެރީ ބަނުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. އަދި ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށް އޭޕްރީލްމަހުގެ ތެރޭގައި ފެރީގެ ޚިދުމަތް ފެށުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޖެނުއަރީ މަސް ނިމެންވާއިރަށް ހދ އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް މިދަނީ ތައްޔާރުވަމުން، ޒޯން އެކެއްގެ ބާކީ އަތޮޅުތަކުގައި އޭޕްރީލްމަހުގެ ތެރޭގައި ޚިދުމަތް ފެށޭވަރުވާނެ. އަދި ނ، ރ، ބ އަދި ޅ އަތޮޅަށް ބޭނުންވާ ފެރީތައް ބަނދެ، މިއަހަރު ނިމެންވާއިރަށް އެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ޚަރަދު ބޮޑު މަސައްކަތެއްކަމަށާއި، ފެރީތަކުގެ މެއިންޓަނެންސަށްވެސް ބޮޑު ޚަރަދެއް ހިނގާނެކަމަށެވެ. ފެރީގެ ޚިދުމަތުން މުޅި ރާއްޖޭ ގުޅާލުމަކީ އެމް.ޑީ.ޕީގެ މުހިއްމު ސިޔާސަތަކަށްވާއިރު، ކުރީގެ ތަޖުރިބާތަކަށް ބަލާ މި ޚިދުމަތް ޕްރައިވަޓައިޒްކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޕަބްލިކް ފެރީ ނިޒާމު ޕްރައިވަޓައިޒް ކުރުމުގެ ވިސްނުމެއް ސަރުކާރަކުނެތް. ބޭނުންވަނީ މިކަން ޕްރައިވަޓައިޒްނުކޮށް، ސަރުކާރުން ސަބްސިޑައިޒްކޮށްގެން ފޯރުކޮށްދޭ ޚިދުމަތަކަށް ހަދަން. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް މިކަން ކުރާ އުޞޫލަކީ އެއީ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަތޮޅުތަކުގައި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، 2023 ގެ ނިޔަލަށް ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރަނގަޅު ފެރީ ނިޒާމަކުން ގުޅާލުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލެވިގެން މެނުވީ ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.