ތަރައްްޤީ

މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ : ރައީސް


ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ނ.މާފަރަށް ވަޑައިގެން، މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މާފަރު ރައްޔިތުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާފަރު އެއަރޕޯޓާއެކު، މާފަރާއި، ނ.އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް އަދިވެސް އެއަރޕޯޓުގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރަންޖެހޭކަން ފާހަގަކުރައްވައި އެއަރޕޯޓުގެ ޖާގަ އިތުރުކޮށް ބޮޑުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ނުކުރެވި ލަސްވެގެންދިޔައީ ބިޑް މަރުހަލާގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެއަރޕޯޓު ބޯޑުކުރުމުގެ މަސައްކަތުގެ ބިޑް މަރުހަލާ ނިންމައި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރަންވޭގެ ޖާގަ އިތުރުކޮށް، ޓަރމިނަލްވެސް ބޮޑުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަރޕޯޓުން ފްލައިޓްތަކަށް ތެޔޮއެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއަރޕޯޓުގައި ހޮޓަލެއް ތަރައްޤީކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫޢާއެކު، އެއަރޕޯޓުން އިތުރު ވަޒީފާގެ ފުރުޞަތު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢު ފެށެންވާއިރަށްވެސް، އެއަރޕޯޓުގައި ދުވަހުން ދުވަހަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރަކީ ގިނަ ޢަދަދެއްގެ ބަޔަކު އަރާފައިބާ ރަށަކަށްވެފައި، ރަށުގައި ފުރިހަމަ ޞިއްހީ ނިޒާމެއް ޤާއިމުވެފައި އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާފަރު ޞިއްޙީ މަރުކަޒާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް މިއަހަރު ކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި މާފަރު ސިއްހީ މަރުކަޒު އެކްސްޓެންޑްކޮށް، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމަނާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ސިއްހީ މަރުކަޒުން ޚިދުމަތްދޭ ވަގުތު 16 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާފަރު ރައްޔިތުންނާއެކު ބޭއްވެވި މި ބައްދަލުކުރެެއްވުމުގައި މާފަރު ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި، ހުށަހެޅި ހުށަހެޅުންތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މާފަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ޕްރިންސިޕަލަކު ނެތުމުގެ ދަތިކަމާއި، މަސްވެރިންނާއި އޮނޑިވެރިންނަށް މާފަރު ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ މާފަރު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއިވެސް ބައްދަލުކުރައްވާފައެވެ.