ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކޮށް، އެ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ދުވެލި އިތުރަށް ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ދިމާވާ އެކިއެކި ލަސްވުންތަކަށް އަވަސް ހައްލު ހޯދައިދީ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށް ކުރެވެންހުރި ކަންކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، މިހާރު ކުރިއަށްދާ އަދި ކުރިއަށް ރާވާފައިވާ މައިގަނޑު ތަރައްޤީގެ މަޝްރޫޢުތަކުގެ ތަންފީޒީ މަރުޙަލާ ހުރި ހިސާބު ވަޒީރުން ވަޒަންކުރެއްވުމެވެ. އަދި މަޝްރޫޢުތައް ހިންގުމުގައި ކުރިމަތިވާ މާލީ، ފަންނީ އަދި އިދާރީ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަމަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދައިދިނުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމެވެ. މީގެ އިތުރުން ވުޒާރާތަކާއި ކުންފުނިތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، މަސައްކަތްތައް އެއް އަމާޒަކަށް ވިލެސްކޮށްގެން ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ ވަޢުދުތަކާއި ރައްޔިތުންނަށް ކޮށްދިނުމަށް ކަނޑައަޅާފައިވާ ތަރައްޤީގެ މަސައްކަތްތައް ވީހާވެސް ފެންވަރު ރަނގަޅުކޮށް، ޚަރަދު ކުޑަގޮތަކަށް އަދި އެންމެ މަތީ ފެންވަރުގައި ނިންމުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮންމެ މަޝްރޫޢުއަކަށްވެސް ޚާއްޞަ އިސްކަމެއްދީގެން މަޝްރޫޢުތަކުގެ ކުރިއެރުން ބަލައި މޮނިޓަރކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ނިންމާފައެވެ.
މިބައްދަލުވުމުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫޢުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވާފައެވެ. މީގެއިތުރުން، ވަކިވަކި މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު އަދި ގުޅިގެން މަސައްކަތްކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.