ތިމާވެށި

ކުނި މެނޭޖްކުރުމާއި ގުޅޭ ޤައުމީ ފެންވަރުގެ ސެމިނާއެއް ބާއްވަނީ


ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރުގައި "ވޭސްޓް މެނޭޖްމަންޓް" ސެމިނާއެއް ބޭއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ރާއްޖޭގެ ތިމާވެއްޓަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނީގެ މައްސަލައެވެ. މިކަން ހައްލުކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، މިކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ހެޔޮގޮތުގައި ކުނި ނައްތާލުމަށް އާއްމުން ހޭލުންތެރިކުރުވުމަށް "ސާފު ރާއްޖެ"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ތަޢާރަފުކޮށްފައިވެއެވެ. މިހަރަކާތުގެ ދަށުން ޤައުމީ ފެންވަރުގައި ކުނި ނައްތާލުމާއި ގުޅޭ ސެމިނާއެއް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ޢާމިރު ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ވޭސްޓް މެނޭޖްމަންޓް ޕޮލިސީގައި ކުނި މެނޭޖްކުރުމުގައި ޝާމިލުވާ އެކި ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅުއްވާފައިވާއިރު، ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޭނުންވާ ތަމްރީން ދިނުމާއި، ވޭސްޓް މެނޭޖްމަންޓް ޕްލޭންތައް ހަދައިދިނުމަށް އެހީތެރިވެދިނުމަކީ އެ މިނިސްޓްރީގެ ޒިންމާއެއްކަމަށެވެ. އަދި މިކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިސެމިނާގެ ތެރެއިން ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށް ޢާމިރު ވިދާޅުވިއެވެ.ވޭސްޓް މެނޭޖްމަންޓް ސެމިނާ ބާއްވާނެ ވަކި ތާރީޚެއް މިނިސްޓްރީން އަދި ކަނޑައަޅުއްވާފައެއްނުވެއެވެ. އެހެންނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ބަޖެޓްގައިވަނީ ހިމަނުއްވާފައެވެ. މި ސެމިނާއަށް ރާއްޖޭން ބޭރުގެ ބައެއް ޖަމިއްޔާތަކުންވެސް ޝަޢުގުވެރިކަން ފާޅުކުރައްވާފައިވާކަމަށާއި، ފަންނީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެފަރާތްތަކުން ތައްޔާރަށް ތިބިކަމަށް ޑެޕިއުޓީ މިނިސްޓަރ ޢާމިރު ވިދާޅުވިއެވެ. ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި ކޮންމެ އަހަރަކު މަހާސިންތާއެއް ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން އިޢުލާންކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ތެރޭ ރާއްޖޭގައި ބޭއްވި 6 ވަނަ ތްރީއާރް ފޯރަމްގެ ތެރެއިންނެވެ. 33 ޤައުމަކުން 250 ވުރެ ގިނަ މަންދޫބުން ބައިވެރިވި މި މަހާސިންތާގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ވަނީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވުމަށް ޤައުމުތަކުގެ މެދުގައި އެއްބަސްވެފައެވެ.