ތަރައްްޤީ

ތިލަފުށީގެ މަލަމަތި ބަދަލުކޮށް، ކުނިން ނަފާ ލިބޭ މަޝްރޫޢު


ރާއްޖެ މިއަދު ދެކެމުންމިދަނީ ތަރައްޤީއާއި ތަމައްދުންގެ އައު ސަފްޙާތަކެކެވެ. ދިވެހިންގެ ޢިލްމާއި، މަސައްކަތްތެރިކަމާއި، ފުދުންތެރިކަމުގެ ނިސްބަތް ހުރީ ސަރަހައްދީ އެހެން ޤައުމުތަކާ އަޅާބަލާއިރު އެތައް ގުނައެއް ކުރީގައޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ޢުމްރާނީގޮތުންނާއި އިޤްތިޞާދީގޮތުން ޤައުމަށް އެތައް ބަދަލުތަކެއް މިވަނީ އައިސްފައެވެ. މިއާއެކު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް ގެނުވައިފިއެވެ. އެހެންނަމަވެސް ދަންނަވަންތޯއެވެ. އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ބަދަލުނުވާ އެއް ހަޤީޤަތެއް އެބައޮތެވެ. އެއީ ކުނީގެ މައްސަލައެވެ.

ތިލަފުއްޓަކީ މާލޭގައި އުފެދޭ ކުނި ނައްތާލުމަށްޓަކައި މާލެ ކައިރީގައި އޮތް ތިލަފަޅެއްގައި ބަންޑުވޯލެއް ޖަހައި އެތަނަށް ކުނި އަޅައަޅައިގެން ހިއްކަން ފެށި ރަށެކެވެ. 1991ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެން މާލޭގައި އުފެދޭ ކުނި ޖަމާކުރަމުން ދިޔައީ މިތަނަށެވެ.

ވޭތުވެދިޔަ 30 އަހަރުދުވަހުގެ ތެރޭގައި ތިލަފުއްޓަށް ކުނި ޖަމާކުރަމުން އައީ ހަމައެކަނި މާލެއިން އެކަންޏެއް ނޫނެވެ. މާލޭ ސަރަޙައްދުގެ ރިސޯޓުތަކުން އުކާލާ ކުނިވެސް ޖަމާކުރަމުން އައީ ތިލަފުއްޓަށެވެ. ރަށަކުން ކުނި ބޭރުކުރަންޖެހޭ ޙާލަތްތަކުގައި ކުނި ގެންދަނީވެސް ތިލަފުއްޓަށެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އެއްވެސް ސަރަޙައްދަކުން ނުފެންނަ ފަދަ ކުނީގެ ބޮޑު ފަރުބަދައެއް ތިލަފުށީގައިވަނީ އުފެދިފައެވެ.

ރާއްޖޭގައި ކުނި ނައްތާލުމުގެ ކަންކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަނީ ތިލަފުށީގައެވެ. ނަމަވެސް މިހާތަނަށް މި މަސައްކަތް ކުރަމުންގޮސްފައި ވަނީ އެންމެ ރައްކާތެރި ގޮތެއްގައެއްނޫނެވެ.

ކުނި ނައްތާލުމުގެ މަސައްކަތަށްވުރެ ބޮޑަށް އޮތީ ރާއްޖޭގެ ހުރިހާ ދިމާލަކުން ކުނި ގެނެސް އެއްތާކަށް ޖަމާކުރުމުގެ ސަޤާފަތެކެވެ. ތިލަފުއްޓަށް ދުވާލަކު 500 ޓަނާއި 700 ޓަނާއި ދެމެދުގެ އަދަދަކަށް ކުނި މާލެއާއި އެކި ސަރަހައްދުތަކުން ޖަމާކުރެއެވެ. މިހާރު މިކުރާ އުޞޫލުން މިކަން ކުރާނަމަ، ތިލަފުށީގެ ކެޕޭސިޓީ ކުރިއަށް އޮތް 3 އަހަރެއްގެ ތެރޭގައި ފުރިގެންދާނެކަމަށް ކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން މިކަމަކީ އަވަސް ހައްލެ ބޭނުންވެފައިވާ ބޮޑު މައްސަލައެކެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ދެންނެވި ފަދަ ހައްލެއް ހޯދާ، މާލޭ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު މިވަނީ ފަށްޓަވާފައެވެ. "ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" އަކީ ކުނި މެނޭޖްކުރުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެ ބިޔަ އެއް މަޝްރޫޢެވެ. މި މަޝްރޫޢު ސަރުކާރުން ރަސްމީކޮށް ލޯންޗުކޮށްފައިވަނީ 15 ޑިސެމްބަރު 2021 ގައެވެ.

މިއީ ބޭރުގެ މާލީ އެހީދޭ އެކިއެކި ފަންޑިން އެޖެންސީތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. 2 ފިޔަވަށްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މުޅި މި މަޝްރޫޢަށް 211.13 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. މި ޕްރޮޖެކްޓަށް ދިވެހި ސަރުކާރުގެ އިތުރުން ބޭރުގެ 6 އިދާރާއަކުން ފަންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ތިލަފުށީގެ ކެޕޭސިޓީ 15 އަހަރަށް އިތުރުކޮށްދޭނެ"


ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ކަންކަން ވަކި ޒޯންތަކަކަށް ބަހާލައިގެން ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މި މަޝްރޫޢު ޚާއްސަކޮށްފައިވަނީ ޒޯން 3، ގްރޭޓަރ މާލޭ ސަރަޙައްދު ހިމެނޭހެން 4 އަތޮޅަކަށެވެ.

މި ސަރަޙައްދުގައި ދިރިއުޅޭ ގާތްގަނޑަކަށް 2 ލައްކަ 60 ހާހަށްވުރެ ގިނަ ރައްޔިތުން އުފައްދާ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށެވެ. މި ޒޯނުގައި ހިމެނޭ ރިސޯޓްތަކަށާއި، ގެސްޓްހައުސްތަކަށް އަހަރަކު އެވަރެޖްކޮށް 5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، މީގެން ކޮންމެ ފަތުރުވެރިއަކު ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 1.5 ކިލޯގެ ކުނި އުފައްދައެވެ. މި ހުރިހާ ކުންޏެއް ނައްތާލުމުގެ މަސައްކަތް ކުރެވިގެންދާނީ ތިލަފުށީގައެވެ.

މި މަޝްރޫޢު ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، އެންމެ މުހިއްމުކަމެއްގެ ގޮތުގައި ތިލަފުށީގައި ހުރި 30 އަހަރުވީ ބޮޑު ކުނި ފަރުބަދައިން އަރަމުންދިޔަ ކަޅު ބޯ ދުންގަނޑު އެރުން އެއްކޮށް ހުއްޓުވުމަށް ކުރެވުނު ކާމިޔާބު މަސައްކަތް ފާހަގަކޮށްލެވެއެވެ. މުޅި މަޝްރޫޢު އެއްކޮށް ތަންފީޒުވެގެންދާއިރު، ތިލަފުށިން މިހާރު ފެންނަން އެހުރި ކުނި ފަރުބަދަ ހިމެނޭ ސަރަޙައްދު ބަދަލުވެގެންދާނީ، ފެހިކަންގަދަ ސަރަޙައްދަކަށެވެ. ރަށުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ރައްކާތެރި މާހައުލެއް ކަށަވަރުވެފައިވާ ތިމާވެއްޓާ ރައްޓެހި ޒަމާނީ ތަނެއްގެގޮތުގައެވެ.

"ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" އިން ޙާޞިލުކުރަން ބޭނުންވާ އެންމެ މުހިއްމު އެއް ލަނޑުދަނޑިއަކީ މޫސުމަށް އަންނަ ބަދަލުތަކަށާއި، އަދި ކާރިސާތަކަށް ވިލުންވެރި ކުނި އުފުލާ، އަދި ނައްތާލާ ނިޒާމެއް ޤާއިމުކުރުމެވެ. އެގޮތުން ރަށު ފެންވަރުގައި ކުނި މެނޭޖްކުރާނެ މަރުކަޒުތަކާއި، އެކަމަށް ބޭނުންވާނެ ވަޞީލަތްތައް ޒޯން 3 ގައި ހިމެނޭ 35 ރަށުގައި ޤާއިމުކުރެވޭނެއެވެ.

ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ފަސޭހައިން ނައްތާނުލެވޭ ބާވަތްތަކުގެ ކުނިތައް ކައުންސިލްތަކާ ގުޅިގެން ރަށްރަށުން ބޭރުކުރުމަށްފަހު ތިލަފުއްޓަށް ގެނައުމަށްޓަކާ އެކަމަށް ޚާއްސަ 3 ލޭންޑިންގ ކްރާފްޓް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތަށް ރަށްރަށުންނާއި މާލޭ ސަރަޙައްދުގައި ޤާއިމުކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ތިލަފުއްޓަށް ކުނި ގެންދާނީ، މޫދަށާއި ކަނޑަށް ކުނި ނޭޅޭނެހެން ކުނީގެ ބާވަތްތައް ވަކިކުރެވި، ކޮންޓެއިނަރުތަކުގައި ބަންދުކޮށްގެންނެވެ.

މި މަޝްރޫޢުގެ ތެރެއިން ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓަކާއި، ވެހިކަލް ޑިސްމެންޓްލިން ވޯރކްޝޮޕެއްގެ އިތުރުން، ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ޤާބިލުކަން ލިބިގެންވާ 2 އިންސިނަރޭޝަން ޕްލާންޓް ތިލަފުށީގައި ބެހެއްޓިގެންދާނެއެވެ. އެއާއެކު ދުވާލަކު 500 ޓަނުގެ ކުނި ނައްތާލުމުގެ ކެޕޭސިޓީ މިތަނުގައި ޤާއިމުވާނެއެވެ. މިއީ ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ޤައުމުތަކުގައިވެސް ކުނި ނައްތާލުމުގެ މަސައްކަތުގައި ބޭނުންކުރާ އެންމެފަހުގެ ޓެކްނޮލޮޖީއަށް ބަލާ، ރާއްޖޭގެ މާހައުލާއި އަދި ތިމާވެއްޓާވެސް ގުޅޭނެހެން ފަރުމާކުރެވި ޑިޒައިންކުރެވިފައިވާ ވަޞީލަތްތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މި އިންސިނަރޭޓަރުތަކަކީ އީޔޫގެ ސްޓޭންޑެޑްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ މެޝިންތަކެކެވެ. މި އިންސިނަރޭޓަރުތަކުގެ ޚާއްސަކަމަކީ، ކުނި އެންދުމުގެ ތެރެއިން ޖައްވަ ބޭރުވާ ވިހަ މާއްދާތައް މުޅިން ހުއްޓުވުމުގެ ޤާބިލުކަން ލިބިގެންވާ ސިސްޓަމަކަށްވުމެވެ.

މި 2 އިންސިނަރޭޓަރު އޮޕަރޭޝަނަށް ގެނެވުމުން ކުރިއަށްއޮތް 15 އަހަރު މާލޭ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ކަންކަން އެއްވެސް ދަތިކަމެއްނެތި، ކުރިއަށްގެންދެވޭނެއެވެ. އަދި އިންސިނަރޭޓަރުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިއްޖެނަމަ 250 ޓަނުގެ ސިސްޓަމެއް އިތުރަށް ޤާއިމުކުރެވޭނެ ޖާގަވަވެސް ތިލަފުށީގައި މި މަޝްރޫޢުގެ ތެރެއިން ކަނޑައެޅިގެންދާނެއެވެ.

"ޒަމާނީ ވަޞީލަތްތަކާއެކު ކުނިން ހަކަތަ"

މި މުޅި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު، ކުންޏަކީވެސް އޭގެ ނަފާ ހޯދާ، އިޤްތިޞާދީ މަންފާ ހޯދޭނެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒުވެސް ޙާޞިލުވެގެންދާނެ. އެގޮތުން ކޮންސްޓްރަކްޝަން ވޭސްޓާއި، ޕްލާސްޓިކް ކުނި ރިސައިކަލްކޮށް އަލުން ބޭނުންކުރެވޭނެއެވެ. އަދި އިންސިނަރޭޓަރުން ކުނި އެންދުމަށްފަހު ބާކީވާ، ބޮޓޮމް އޭޝް ނުވަތަ އަޅިތައް، މަގު ހެދުމާ، ގާއެޅުން ފަދަގެ މަޝްރޫޢުތަކުގައި ބޭނުންކުރެވޭނެއެވެ.

ހަމައެހެންމެ ވޭސްޓް ޓު އެނަރޖީ ނުވަތަ ކުނިން ހަކަތަ އުފެއްދޭނެ ނިޒާމެއްވެސް މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ. މި ނިޒާމް މެދުވެރިކޮށް ދުވާލަކު 8 މެގަވޮޓާއި، 8.5 މެގަވޮޓާއި ދެމެދުގެ ކަރަންޓު ހަކަތައިން އުފެއްދޭނެއެވެ. އަދި ތިލަފުށީގެ މަސައްކަތަކަށާއި، ގްރޭޓަރ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން މި ކަރަންޓު ބޭނުންކުރެވޭނެއެވެ.

ކުނި އެންދުމަށް ބޭނުންކުރާ އިންސިނަރޭޓަރުތައް ރާއްޖެގެނެސް، ތިލަފުށީގައި އިންސްޓޯލްކޮށް ކަމިޝަން ކުރެވެންދެން، ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ބޭލިން މެޝިނެއް ބޭނުންކޮށްގެން ކުނިތައް ބަންދުކޮށް ރައްކާތެރިގޮތުގައި ސްޓޮކްކުރެވިގެންދާނެއެވެ. އަދި ޓޮކްސިކް ވޭސްޓުގެގޮތުގައި ތިލަފުއްޓަށް ގެނެވޭ ކުނިތަކަށް ޚާއްސަ ޓްރީޓްމަންޓް ފެސިލިޓީއެއް މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށާއި، ރިސައިކަލްކުރުމަށް ބާރުއެޅުމުގެގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދެވޭނެއެވެ.

މުޅި މަޝްރޫޢު 2024 ގެ ނިޔަލަށް އެއްކޮށް ތަންފީޒުވެގެންދާއިރު، ކުނީގެ ހާއްޔެއްގެ ގޮތުގައި މިހާރު ފެންނަން ހުރި ތިލަފުށީގެ މުޅި މަލަމަތި އެއްކޮށް ބަދަލުވެގެންދާނެއެވެ ތިމާވެއްޓާއި ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖްކުރުމުގެ ކަންކަމަށް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

މިއީ ހަމަގައިމުވެސް މާލޭގެ އިތުރުން، މި މަޝްރޫޢު ޚާއްސަކޮށްފައިވާ ޒޯން ތިނެއްގައި ހިމެނޭ މީހުން ދިރިއުޅޭ 35 ރަށުގެ 260،000 އަށްވުރެ ގިނަ މީހުންނަށާއި، މި ސަރަޙައްދުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއަކަށްވެގެންދާނެއެވެ. އަދި މުޅި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށްވެސް ގެނުވާނެ ބޮޑު އިންގިލާބަކަށް މި މަޝްރޫޢު ވެގެންދާނެއެވެ.