ޚަބަރު

ނާސާގެ މަސައްކަތަށް ދޭ އެއްބާރުލުން އިތުރުކުރަން އެމެރިކާއިން ނިންމައިފި


2030ގެ ނިޔަލަށް ޖައްވުގައި ހިންގާ ޙަރަކާތްތަކަށް އެއްބާރުލުންދިނުމަށް އެމެރިކާގެ ސަރުކާރުން ނިންމާފައިވާކަމަށް ނާސާއިން ހާމަކޮށްފިއެވެ.

ނޭޝަނަލް އެއިރޮނޯޓިކްސް ސްޕޭސް ސްޓޭޝަން ނާސާގެ އެޑްމިނިސްޓްރޭޓރ، ބިލް ނެލްސަން، ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން، ރަޝިޔާ ހިމެނޭހެން ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ނާސާއިން ޖައްވުގައި ކުރަމުންދާ އެކި ދިރާސާ މަސައްކަތްތަކަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

ނާސާއިން ނެރުނު ބަޔާނެއްގައި ނެލްސަން ބުނެފައިވަނީ ގިނަ ޤައުމުތަކުން ޖައްވުގައި ޙަރަކާތްތެރިވާ މިންވަރު އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމުކުރުމުގައްޔާއި ޖައްވުގައި ޙަރަކާތްތެރިވާންޖެހޭ ހަމަތަކާއި އުޞޫލުތައް ކަނޑައަޅާ އިސް ފަރާތަކަށް އެމެރިކާ ވުން މުހިއްމު ކަމަށެވެ. އެހެންކަމުން މީގެ ކުރިން 2024ވަނަ އަހަރުގެ ނިޔަލަށް ނާސާގެ ޖައްވީ ސްޓޭޝަނަށް ބޭނުންވާ ފަންޑު، އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފައިވީ ނަމަވެސް، މިހާރު އެޤައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ 2030ވަނަ އަހަރުގެ ނިޔަލަށް ފަންޑު ކުރުމަށް ކަމަށް ނެލްސަން ވިދާޅުވެފައިވެއެވެ.

ޖައްވީ ޙަރަކާތްތަކުގައި އެންމެ ކުރީގައި އޮތް އެމެރިކާ އާއި ރަޝިޔާއަކީ ޚާރިޖީ މައްސަލަތަކުގައި ވިސްނުން ތަފާތުވެ ގުޅުން ގޯސްވެފައިއޮތް ދެ ޤައުމެވެ. އެމެރިކާ ސަރުކާރުން ރަޝިޔާއާ ގުޅިގެން ޖައްވީ ސްޓޭޝަނުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާއިރު، މިދިޔަ އަހަރު ރަޝިޔާއިން ޖައްވަށް ފޮނުވި އެންޓި-ސެޓެލައިޓް ޓެސްޓް މިސައިލުގެ ސަބަބުން ގިނަ އަހަރުތަކަކަށް ޖައްވީ ސްޓޭޝަނަށް ނުރައްކާ ކުރާނެފަދަ ކުނިބުނި، ޖައްވުގެ ތިރީ ފަށަލައަށް ފެތުރި، ދައުރުވަމުންދާކަމަށް، މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެމެރިކާގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނުގައި މަސައްކަތްކުރުމުގައި ފާއިތުވި 20 އަހަރުވެސް މި ދެ ޤައުމުން ވަނީ ގުޅިގެން ގާތްކޮށް މަސައްކަތް ކޮށްފައިކަން، ޖަމާޢަތްތަކުން ފާހަގަކުރެއެވެ.