ޚަބަރު

މިއަހަރުގެ ޓެކް އެގްޒިބިޝަން، އަންނަ ހަފްތާގައި


ޓެކްނޮލޮޖީގެ އައު އީޖާދުތައް ދައްކާލުމަށް ކޮންމެ އަހަރަކު ލަސް ވޭގަސްގައި ބާއްވަމުން އަންނަ ކޮންސިއުމަރ އިލެކްޓޮރޯނިކްސް ޝޯވ (ސީއީއެސް) ގެ 2022ވަނަ އަހަރުގެ އިވެންޓު އޮންނާނީ ޖަނަވަރީ 5 އިން 7އަށް ކަމަށް އިވެންޓު އިންތިޒާމުކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.

ދުނިޔޭގެ ބޮޑެތި ޓެކް އަދި އިލެކްޓްރޯނިކް ކުންފުނިތައް ބައިވެރިކޮށްގެން، ކޮންސިއުމަރ ޓެކްނޮލޮޖީ އެސޯސިއޭޝަން ގެ ފަރާތުން، ބާއްވަމުން އަންނަ މި ޓްރޭޑް އެގްޒިބިޝަނުގެ މިއަހަރުގެ އިވެންޓު، ޖަނަވަރީ 5 އިން 8ގެ ނިޔަލަށް، ލަސް ވޭގަސްގައި ބޭއްވުމަށް މީގެކުރިން ކަނޑައަޅާފައިވީ ނަމަވެސް، ކޯވިޑުގެ ޙާލަތު ރަނގަޅުކަމަށް ނުފެންނާތީއާއި، މުހިއްމު ބޮޑެތި ކުންފުނިތަކުން އެގްޒިބިޝަން ގައި ބައިވެރިނުވާން ނިންމާފައިވާތީ، އިވެންޓުގެ މުއްދަތު ކުރުކުރަން ނިންމާފައިވާކަމަށް އޮފިޝަލުން ހާމަކުރައްވައެވެ.

ކޯވިޑުގެ ޙާލަތާއި ގުޅިގެން ގިނަ ކުންފުނިތަކުން މިއަހަރުގެ އިވެންޓުގައި ޢަމަލީގޮތުން ބައިވެރި ނުވާން ވަނީ ނިންމާފައެވެ. އެގޮތުން މައިކްރޮސޮފްޓް، ގޫގުލް، އެމެޒޯން، ޖެނެރަލް މޮޓޯރސް، ޕްރޮކްޓޯރ އެންޑް ގޭމްބްލް އަދި މެޓަ ޕްލެޓްފޯރމް ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ އަންނަ ހަފްތާގައި ބާއްވާ ޓެކް އެގްޒިބިޝަނުގައި ޢަމަލީގޮތުން ބައިވެރި ނުވާނެކަން އިޢުލާންކޮށްފައެވެ. ނަމަވެސް ވަރޗުއަލްކޮށް އެގްޒިބިޝަން ގައި ބައިވެރިވާނެކަން މީގެތެރެއިން ބައެއް ކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ.

2،200 ބައިވެރިންނާއެކު ފެށުމަށް ނިންމާފައިވާ މި އެގްޒިބިޝަނަށް ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ކަނޑައަޅާފައިވާކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ހާމަކުރެއެވެ. އެގޮތުން ބައިވެރިންގެ ވެކްސިން ފުރިހަމަ ކޮށްފައިވުމާއި މާސްކު އެޅުން ލާޒިމުކުރުމުގެ އިތުރުން، ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެކަމަށް ސީއީއެސް ގެ އޮފިޝަލުން ހާމަކުރައްވައެވެ.