ޚަބަރު

ދުނިޔޭގެ 6ވަނަ ގޭސް ޓު ލިކުއިޑް ޕްލާންޓް، އުޒްބަކިސްތާނުގައި ހުޅުވައިފި


އުޒްބަކިސްތާނުގެ ފުރަތަމަ ގޭސް ޓު ލިކުއިޑް ޕްލާންޓް ނުވަތަ ޖައްވުގައި ހުންނަ ގޭސް ބޭނުންކޮށްގެން ތެޔޮ އުފައްދާ ކާރުޚާނާ، މިދިޔަ ހަފްތާގައި ހުޅުވައިފިއެވެ.

އުޒްބަކިސްތާނުގެ ދެކުނު އިރުމަތީ ޕޮރޮވިންސެއް ކަމަށްވާ ޢަޝްޢަދަރިޔާގައި ހުޅުވި މި ޕްލާންޓަކީ އެޤައުމުން އެކި ގޮތްގޮތުން އުފައްދާ ގޭހުން ފައިދާއެއް ނެރުމަށާއި، އެޤައުމުން ތެޔޮ އެތެރެކުރުމަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށް ޤާއިމުކުރި ޕްލާންޓެއް ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ގޭސް ޓު ލިކުއިޑް ޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުޒްބަކިސްތާނުގެ ރައީސް، ޝަވްކަތް މިރްޒިޔާޔެވް، ވިދާޅުވެފައިވަނީ މި ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގެ ބަޒާރުގައި ހުންނަ އަގަށް ކަރާސީނު ތެލާއި، ޑީސެލް ފަދަ ތެޔޮ، އެޤައުމުން އުފެއްދޭނެކަމަށެވެ. މިރްޒިޔާޔެވް ވިދާޅުވީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ޕްލާންޓުން، 500 މިލިއަން ޑޮލަރުގެ ގޭސް ބޭނުންކޮށްގެން 1.5 ބިލިއަން ޑޮލަރުގެ ތެޔޮ އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމެންވާއިރަށް މި ޕްލާންޓު ފުރިހަމަ ކެޕޭސިޓީގައި މަސައްކަތް ކުރަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްލާންޓުން، ކައިރީގައި އޮންނަ ގޭސް ފީލްޑް އާއި އެ ސަރަޙައްދުގައި ހިމެނޭ ކާރުޚާނާތަކުން ދޫކުރާ ގޭހުގެ 3.6 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ބޭނުންކޮށްގެން، އަހަރެއްގެ މައްޗަށް 1.5 މިލިއަން ޓަނުގެ ސިންތެޓިކް ދިޔާ ދެޔޮ އުފައްދާނެކަމަށާއި، އޭގެތެރޭގައި ކަރާސީނު ތެލާއި، ޑީސެލް އާއި، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް އަދި ނަފްތާ އުފައްދާނެކަމަށް ޕްރޮޑަކްޝަން ޑިރެކްޓަރ މަޢުލޫމާތުދެއްވިއެވެ.

އުޒްބަކިސްތާނުން ކޮންމެ އަހަރަކު ދަނީ 1 ބިލިއަން ޑޮލަރުގެ ތެލާއި ގޭހުގެ މާއްދާތައް އެޤައުމަށް އެތެރެކުރަމުންނެވެ. އެހެންކަމުން މިތަކެތި އިންޕޯޓުކުރުން މަދުކުރުމަށްޓަކައި އެޤައުމުގައި ތެޔޮ އުފެއްދުމަށް ހެދި ގޭސް ޓު ލިކުއިޑް ޕްލާންޓަކީ 3.6 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށާއި، މި ޕްލާންޓުގެ ޓެކްނޮލޮޖީ ޕާޓްނަރުންގެ ގޮތުގައި އެމެރިކާ ކުންފުންޏެއްގެ އިތުރުން، ޤަތަރުގައި ހުންނަ ގޭސް ޓު ލިކުއިޑް ޕްލާންޓު އުފެއްދުމުގައި ޙިއްސާވާ ދެކުނު އެފްރިކާގެ ކުންފުނި ހިމެނޭކަމަށް އުޒްބަކިސްތާނުގެ ސަރުކާރުން ހާމަކުރެއެވެ.