ޚަބަރު

އާ ވަސީލަތްތަކާއެކު ބ.އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތަށް ހަރުދަނާކަން


މިހާރަށްވުރެ ޚިދުމަތް ފުޅާކޮށް އިތުރު ޚިދުމަތް ފޯރުކޮށްދިނުމަކީ ބ.އަތޮޅު އެހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމެކެވެ.

އާ ވަސީލަތްތަކާއެކު މިހާރު ދެމުންދާ ރޭޑިއޮލޮޖީގެ ޚިދުމަތުގެ ސަބަބުން ޚިދުމަތް ހޯދަން އަންނަމީހުންނަށް ބޮޑުލުޔެއް ލިބޭނެކަމަށް ހޮސްޕިޓަލުން ދެކެއެވެ. އެހެންނަމަވެސް މި ޚިދުމަތް ބޭނުންވާ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމުގައި ޢިމާރާތުގެ ދަތިކަން އެބަހުރިކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ބ.އަތޮޅުގެ ސިއްޙީ ޚިދުމަތް ދުވަހެއް ދުވަހަކަށް އަންނަނީ ކުރިއަރަމުންނެވެ. އަތޮޅުތަކުގައިހުރި ހޮސްޕިޓަލުތައް ކުރިއަރުވައި އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ ކުރިން ނުލިބޭ އެތައް ޚިދުމަތެއް މިހާރު ބ.އަތޮޅު ހޮސްޕިޓަލުންވެސް ލިބެއެވެ.

ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ އާބާދީގައި 14،500އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. މިއަތޮޅަކީ ގިނަ ރިސޯޓްތަކެއްވެސް ހިންގަމުންދާ އަތޮޅެކެވެ. އެހެންކަމުން އެއަތޮޅު ހޮސްޕިޓަލަކީ ގިނަ ބަޔަކު ޚިދުމަތް ހޯދުމުގައި ބަރޯސާވާ ހޮސްޕިޓަލެކެވެ.

މިހާރުވެސް އެހޮސްޕިޓަލަކީ އެކްސްރޭއާއި ސްކޭން ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. މިއަހަރު ތެރޭގައި އެހޮސްޕިޓަލުން ވަނީ ރޭޑިއޮލޮޖީގެ ޚިދުމަތް ނުވަތަ ސްކޭންގެ ޚިދުމަތް ދޭންފަށާފައެވެ. އަލަށް ގާއިމުކުރި ޕޯޓަބަލް މެޝިނާއެކު ރޭޑިއޮލޮޖީގެ ޚިދުމަތް ނުވަތަ ސްކޭންގެ ޚިދުމަތް ދިނުމުގައި މިވަނީ އިތުރު ލުއިފަސޭހައެއް ލިބިފައެވެ.

ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ޑައިލަސިސްގެ ޚިދުމަތްވެސް އަންނައަހަރު ދޭން ފަށާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މިކަމަށް ޚާއްސަކޮށް ހަދާ ޢިމާރާތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.

މީގެ ކުރިިން އެހޮސްޕިޓަލުން ލިބެންނެތް ޚިދުމަތް ލިބޭނެގޮތަށް މިހާރު މަސައްކަތްތައް ވަނީ ފަރުމާކޮށްފައެވެ. އާ ޢިމާރާތުގައި، ޑައިލެސިސް ޚިދުމަތް ދޭނެ ޚާއްޞަ ބަޔަކާއި ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމަށް ޚާއްސަ ކުރެވިފައިވާ ބައެއް ހިމެނެއެވެ.