ސިޔާސީ

ރާއްޖެ ނަމޫނާއަކަށް ބަލަން، ޤައުމީ ތަރައްޤީގައި ދެ ޤައުމުގެ ދައުރު މުހިއްމު: ޝައިޚް ޙަސީނާ


ދިވެހިރާއްޖޭން ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓަށް ކުރި ދަތުރު ނަމޫނާއެއްގެގޮތުގައި ބަލާކަމަށާއި، ޤައުމީ ތަރައްޤީގައި ދެ ޤައުމު ގުޅިގެން މުހިއްމު ދައުރެއް އަދާކުރެވިދާނެކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ހަވީރު ތަޤުރީރުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މަޖިލީހުގެ އިދާރާއަށް ވަޑައިގެން އެކަމަނާ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދާއި ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަޝްވަރާ ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވެއެވެ.

ބޮޑުވަޒީރު ޝައިޚް ޙަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށްޓަކާ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޚާއްސަ 7 ވަނަ ޖަލްސާގައި ތަޤްރީރުކުރައްވަމުން، އެކަމަނާވަނީ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ މީހެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރުކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއްކަމަށާއި ޝަރަފެއްކަން ފާހަގަކުރައްވާ، އެކަމަނާއަށް އެ ފުރުޞަތު ދެއްވިކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދެއްވި ތަޤްރީރުގައި ބަންގްލަދޭޝް އުފެދިގެން އައިގޮތާއި، އެ ޤައުމުގެ މިނިވަންކަމަށްޓަކާ ބަންގްލަދޭޝްގެ ބާނީ އަދި އެ ޤައުމުގެ ފުރަތަމަ ރައީސް ޝައިޚް މުޖީބުއްރަހްމާން ކުރެއްވި ބުރަ މަސައްކަތްޕުޅާއި، ވެވަޑައިގެންނެވި ޤުރުބާނީ އެކަމަނާ ވަނީ ވަރަށް އަސަރާއެކު ފާހަގަކުރައްވާ، އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަވާ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން 1975 ވަނަ އަހަރު އެކަމަނާގެ ބައްޕާފުޅުގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހު، ބައްޕާފުޅު ހިމެނޭހެން އެކަމަނާގެ އާއިލާގެ 18 މެންބަރަކު އަވަހާރަކޮށްލުމުގެ ޙާދިސާއާއި، އެކަމުގެ ސަބަބުން ލިބިގެންދިޔަ ނިކަމެތިކަމާއި، އެ ޤައުމުގެ ސިޔާސީ މަޝްރަޙު ދެން ބަދަލުވެގެންދިޔަގޮތް ޝައިޚް ޙަސީނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމަނާ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުމަށް މެދުވެރިވި މައިގަނޑު ސަބަބަކީވެސް ބަންގްލަދޭޝަށް ޒަމާނީ ތަރައްޤީއާއި ކުރިއެރުން ގެނައުމަށް އެކަމަނާގެ ބައްޕާފުޅު ކުރެއްވި ބުރަ މަސައްކަތްކަމަށާއި، މިއަދު ބަންގްލަދޭޝަށް އައިސްފައިވާ ބަދަލުތަކަކީ ބައްޕާފުޅު ސިޔާސަތުތަކާ އެއްގޮތަށް ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތްތަކަކީ ގޮންޖެހުން ބޮޑު މަސައްކަތްތަކެއްކަން ފާހަގަކުރައްވާ، ޝައިޙް ޙަސީނާ ވަނީ އެކަމަނާގެ އަމިއްލަ ތަޖުރިބާފުޅުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެތައް ފަހަރެއްމަތިން ޖަލަށްލުމާއި، އެކިފަހަރުމަތިން ފުރާނައަށް ނުރައްކާވާފަދަ ޙަމަލާތަކާވެސް ކުރިމަތިލާންޖެހިވަޑައިގެންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ޝައިޚް ޙަސީނާގެ ތަޤުރީރުގައި، މިހާރު ބަންގްލަދޭޝަކީ ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި ބަސްކިޔޭ، ޑިމޮކްރަސީ ޤާއިމުކުރެވިފައިވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީގޮތުންނާއި، ތަރައްޤީގެ ރޮނގުން އަދި ހަމައެހެންމެ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ބަންގްލަދޭޝަކީ މިއަދު ކުރިއަރާފައިވާ ޤައުމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ކޯވިޑް-19އާއެކު ދަސްވި އެންމެ މުހިއްމު އެއް ފިލާވަޅަކީ އެއް ޤައުމު އަނެއް ޤައުމަށް ބޭނުންޖެހިފައިވާ މިންވަރުކަން ފާހަގަކުރައްވާ، ޝައިޚް ޙަސީނާ ވިދާޅުވީ، އެއްވެސް ޤައުމަކަށް އެހެން ޤައުމުތަކާ ވަކިވެގަނެގެން ކުރިއެރުމެއް ނުލިބޭނެކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ތަޤުރީރުގައި ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުމަށް މިއަހަރަކީ މިއީ ވަރަށް އުއްމީދީ ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެއްކަން ފާހަގަކުރައްވާ، ދެ ޤައުމުގެ ދެމެދު ވިޔަފާރިއާއި އިޤްތިޞާދާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝަޢުގުވެރިކަން އެކަމަނާ ފާޅުކުރެއްވިއެވެ. އަދި ބަންގްލަދޭޝްއަށް ތަރައްޤީ ގެނައުމުގައި ދިވެހިރާއްޖެއަކީ ނަމޫނާ ޤައުމެއްގެގޮތުގައި ބަލާކަމަށާއި، ޤައުމީ ތަރައްޤީގައި ދެ ޤައުމު ގުޅިގެން މުހިއްމު ދައުރެއް އަދާކުރެވިދާނެކަމަށް ޝައިޚް ޙަސީނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ޝަޙްސިއްޔަތެއްކަން ފާހަގަކުރައްވާ، އެކަމަނާގެ ޒަޢާމަތުގައި ބަންގްލަދޭޝަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަމަށް ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް އަންހެނުން ބާރުވެރިކުރުވުމަށާއި، މޫސުމާއި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި އެކަމަނާ އިސްވެ ހުންނަވާ ކުރައްވާ މަސައްކަތްޕުޅު ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގެ ތެރެއިން ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުމާއި ވިޔަފާރީގެ ބޭނުމަށް އިހުޒަމާނުގައި ދެ ޤައުމުގެ ދެމެދު ކުރެވުނު ދަތުރުތައް ރަމްޒުކޮށްދޭ ޚާއްސަ ކުރެހުމެއް ރައީސް ނަޝީދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޙް ޙަސީނާއަށް ހަދިޔާކުރައްވާފައެވެ.