ތަރައްްޤީ

މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކާ ނިމިއްޖެ


ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކާ ނިމިއްޖެއެވެ.

މާފުށީ ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީންއާއެވެ.

ކ.މާފުށީ ޕިކްނިކް އައިލެންޑަކީ ރައްޔިތުން ދަތުރުގޮސްލާ، ހިތްހަމަޖެހޭ މާޙައުލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަރޓިފިޝަލް ރަށެއްގެ ގޮތުގައި ހަދާ ކ.މާފުށީ ޕިކްނިކް އައިލެންޑަކީ ރަށް ކައިރި ފަޅުތެރެއިން 2 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ ރަށެކެވެ. އެގޮތުން ޕިކްނިކް އައިލެންޑަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްކަމަށާއި، އެކަމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި މަޝްރޫޢަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކ.މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް މިދިޔަ އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފައެވެ. މިމަޝްރޫޢުގައި އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިޔައީ، ހިއްކި ސަރަޙައްދު މާފުއްޓާ ކޯޒްވޭއަކުން ގުޅާލާގޮތަށެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ 3 މަޝްރޫޢެއް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން މާލޭ ސަރަޙައްދަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ޕިކްނިކް އައިލެންޑް، ކ. ކުޑަގިރީގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިކަމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަމަހުގެ 6 ވަނަ ދުވަހުއެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ 3 މަޝްރޫޢުގެ މަސައްކަތްވެސް ހަވާލުކޮށް ކުރިއަށް ގެންދަނީ އެމް.ޓީ.ސީ.ސީންނެވެ.