ތިލަމާލެ ބުރިޖުގެ މަސައްކަތަކީ މިދިޔަ ސަރުކާރުގައި މަސައްކަތް ނިންމާ، ޚިދުމަތް ފަށަށް އިޢުލާނުކުރި އެންމެ ބޮޑު މަޝްރޫޢުވެ. ނަމަވެސް ދަޢުރު ނިމުނިއިރު ނިންމުނީ މަސައްކަތުގެ %27 މިންވަރެވެ. ޢަމަލީގޮތުން ބުރިޖުގެ އެއްވެސް މަސައްކަތެއް، އޭރު ފެނުން މަތީގައި ފެންނާކަށް ނެތެވެ.
2023ވަނަ އަހަރުގެ ފަހުކޮޅު އައު ސަރުކާރުވެރިކަމާ ހަވާލުވެ އެންމެ އިސްކަން ދެއްވީ ސަރުކާރުން ފަށާފައި ހުރި ރައްޔިތުންނަށް މަންފާވާ މަޝްރޫޢުތައް މެދުނުކެނޑި އަދި ދިގުލައިދިޔަ ނުދީ، އެ މަސައްކަތްތައް އަވަހަށް ނިންމުމަށެވެ. އެއީ ދަޢުލަތުން އުފުލަންޖެހޭނެ މާލީ ބުރަ ކުޑަކުރުމާއި އަދި ރައްޔިތުންނަށްވެސް އެ ޚިދުމަތްތަކުގެ ލުއިފަސޭހަކަން ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށެވެ.
އެމަގުން އެންމެ އިސްކަންދެއްވި، ހަނިމާދޫ އެއަރޕޯޓާއި ވެލާނާ އިންޓަރނޭޝަން އެއަރޕޯޓްގެ ޓަރމިނަލް މަސައްކަތް ނިންމާ ހުޅުވާފަވާއިރު، ތިލަމާލެ ބުރިޖުގެ މަޝްރޫޢަކީ އިސްކަންދީގެން ނިންމުމަށް މަސައްކަތްތަކެއް ކުރެވުނު މަޝްރޫޢެކެވެ.
ނިމުނު ސަރުކާރުގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ޢަމަލީގޮތުން ފެށީ ދަޢުރު ނިމެން އަހަރެއްހާ ދުވަސް އޮއްވައެވެ. އަދި މަޝްރޫއު އިއުލާންކުރީ ދަޢުރު ނިމުމުގެ ކުރިން މުޅި މަޝްރޫޢު ނިންމުމަށެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ލޯނު އެހީގައި އަދި ދައުލަތުގެ ބަޖެޓުން ބޮޑޫ ޚަރަދެއްކޮށްގެން އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އޭރު ކުރިއަށްގެންދިޔައީ މާބޮޑު އިންތިޒާމެއް ނެތި، އަދި މަސައްކަތް ނިންމުމަށް މުހުލަތަކަށްފަހު މުހުލަތެއް ދެމުންނެވެ. ނަމަވެސް ސަރުކާރުން ބަދަލުވިއިރު، ނިމިފައި އޮތީ އެންމެ 27އެއްހާ އިންސައްތަ މަސައްކަތެވެ. ތާވަލުގައި އޮތީ އެ މުއްދަތުގައި އޮންނަންވާނީ މަސައްކަތުގެ %77 ނިމިފަކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އިސްކަންދެއްވި މައިގަނޑު އެއް މަސައްކަތަކީ ތިލަމާލެ ބުރިޖު ނިންމުމުގެ މަސައްކަތެވެ. ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ހަފްތާގައި ވަނީ ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް އަމިއްލަފުޅަށްވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައި، ހުރި ގޮންޖެހުންތައް އޮޅުންފިލުވުމަށެވެ.
އެއަށްފަހު، އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުންޏާއި އިންޑިއާ ސަރުކާރާއެކު ބައްދަލުކުރައްވައި، މަޝްރޫޢު އަވަސްކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ. ޚާއްސަކޮށް ތިލަމާލެ ބުރިޖުގެ ކޮލިޓީ ހިފެހެއްޓަމުންދާކަން ޔަގީންކުރުމަށް ހަދަންޖެހޭ ސަރވޭތަކާއި ޔަގީންކުރައްވަންޖެހޭ ކަންކަން ބިނާރާ ބެހޭ ވުޒާރާ މެދުވެރިކޮށް ކުރިއަށްގެންދެވިއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ދަ ޕަލްސްގެ" 4ވަނަ ޕްރޮގްރާމްގައި ރައީސް ވަނީ ބްރިޖުގެ މަސައްކަތަކީ އަދުގެ ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފަށަން ޖެހުނު މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"އެންމެ ތަނބެއްވެސް އޭރު ޖެހިފަ ނެތް. ބުނެވިދާނެ މިއީ މި ސަރުކާރު ހަވާލުވެ ސުމަކުން ފެށި މަސައްކަތެކޭ." ރައީސް ވިދާޅުވިއެވެ.
މި މަސައްކަތް އަވަސްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އެންމެ ގާތުންގެންދެވީ ބައްލަވަމުންނެވެ. މި ހަފްތާގައިވެސް ރައީސުލްޖޫމްހޫރިއްޔާ ވަނީ ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ޒިޔާރަތްކުރައްވާފައެވެ. ރައީސް ވަނީ އިންޑިއާއާއި ދިވެހިރާއްޖެއާއި އޮތް ބަދަހި ގުޅުމުގެ ތެރެއިން މި މަސައްކަތް ވަރަށް ގާތުން ބައްލަވައި މަޝްރޫޢޫގެ ފޮނި މީރުކަން ޤައުމަށް އަދި ރައްޔިތުންނަށް ލިބޭނެ މަގު ފަހުކުރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރު ހަވާލުވިއިރު ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް އޮތީ ހުއްޓިފައި. ބްރިޖްގެ މަސައްކަތުގައި މިވަގުތު ވަރަށް ބާރަށް މަސައްކަތް ކުރިއަށްދޭ. ނަތީޖާއެއްގެ ގޮތުން މާލެއިން ވިލިމާލެއަށް ގުޅާލާ ވަނީ ނިމިފަ" ރައީސް ވިދާޅުވިއެވެ. މާލެއިން ވިލިމާލެއަށް ބުރިޖުގެ ތަނބުތައް ގުޅާލާ ނިމުން ފާހަގަކޮށްފައިވާއިރު، މިހާރުމިވަނީ، ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގަންނަވާފައެވެ.
މުޅި ބްރިޖުގައި 6.7 ކިލޯމީޓަރު ހުންނައިރު، މާލެއިން ވިލިމާލެއަށް 2.05 ކިލޯމީޓަރުގެ ދުރުމިން ހުރެއެވެ. މި މަޝްރޫޢުއަކީ އިންޑިއާގެ 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އަދި 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީގައި އަދި ދިވެހި ސަރުކާރުންވެސް ޚަރަދުކޮށްގެން ކުރިއަށް ގެންދާ 500 މިލިޔަން ޑޮލަރު(7 ބިލިޔަން ދިވެހި ރުފިޔާ)ގެ މަޝްރޫޢެކެވެ.
މަޝްރޫޢުގެ %77 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. ސަރުކާރުން މިހާރު ޢަމާޒު ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ބުރިޖު މަޝްރޫޢު ނިންމުމަށެވެ. ވިލިމާލެއިން ގުޅިފަޅާ ދެމެދުގެ ސަރަޙައްދުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދެއެވެ.
މި މަޝްރޫޢުވެގެންދާނީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން، ޚާއްސަކޮށް ވިލިމާލޭގެ ރައްޔިތުންނަށާއި، ގުޅިފަޅުގައި އާބާދުވާ މީހުންނާއި، ތިލަފުށީގައި ވަޒީފާ އަދާކުރާ އަދި ވިޔަފާރިތަކަށް އެކި ގޮތްގޮތުން ކުރިއެރުމާއި ފަސޭހަތައް ލިބިގެންދާނެ މަޝްރޫޢަކަށެވެ.
މީގެއިތުރުން ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވެގެންދާއިރު، މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް މިއީ މުހިންމު މަޝްރޫޢެކެވެ.