ޚަބަރު

އޮޅުވެލިފުށީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފަށައިފި


ޅ.އަތޮޅު އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަން ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހާއި ޅ.އަތޮޅި ކައުންސިލްގެ ރައީސް ޔާސީން ޢަބްދުﷲއާއި އޮޅުވެލިފުށީ ކައުންސިލްގެ ރައީސް މުހައްމަދު ޢާޡިމެވެ.

އޮޅުވެލިފުށީގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އޮޅުވެލިފުށި ރައްޔިތުންގެ މަޖްލީހުގައި ތަމްސީލު ކުރައްވާ މެންބަރު ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ ޢަބްދުލްޙަކީމް ވިދާޅުވީ މި މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތެއްކަމަށެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމް ކުރުރުމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 9.71 ކިލޯ މީޓަރުގެ ދިގު ފެފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާނެއެވެ. އަދި ފެންއުފެއްދުމަށް 2 އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެ ޕްލާންޓްތައް ބަހައްޓާ އާރުއޯ ބިލްޑިންގްގެ %45 މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއު އެސްސީއިން ވިދާޅުވެއެވެ.

މީގެ އިތުރުން މިމަސައްކަތުގެ ދަށުން މިޕްލާންޓްތަކުން އުފައްދާ ފެން ރައްކާރުރުމަށް 3 ތާނގީ ބަހައްޓައި ގޭގޭގައި ފެން މީޓަރުތައް ހަރުކޮށް ފެނުގެ ކަނެކްޝަން ގުޅައިދީ މިގެތެކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ފެށުމުގައި ލަސްތަކެއް ކުރިމަތިވިކަމަށެވެ. މި މަސައްކަތްވެސް އެހެން ރަށްތަކެކޭ އެއްގޮތައް ރައްޔިތުންނަށް އިތުބާރުލިބޭފަދަގޮތަކަށް ނިންމާލުމަކީ އެކުންފުނީގެ އަމާޒުކަމުގައި ޝާހް ވިދާޅުވިއެވެ.

މި މަސްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 6.56 ކިލޯމީޓަޓުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 1.60 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅާ އިދާރީ ބިލްޑިންގް އިމާރާތް ކުރުން ހިމެނެއެވެ. އަދި 4 ޕަންޕިން ސްޓޭޝަން ރަށުގެ އެކިސަރަހައްދުތަކުގައި ބަހައްޓާ ނަޖިސް ބޭރުކުރުމަށް 1 ސީ އައުޓް ފްލޯ މިމަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.

އޮޅުވެލިފުށީ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކަޗަރއިން 80 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.