ތަރައްްޤީ

4000 ފްލެޓުގެ މަސައްކަތަށް ބޭނުންވާ ފައިސާ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެޑްވާންސް ފައިސާ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައެވެ.

2 މަޝްރޫޢެއްގެ ތެރެއިން ތަރައްޤީކުރާ މި 4000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ މަރުޙަލާއަށް އިންޑިއާގެ އެގްޒިމް ބޭންކުން 34 މިލިއަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ވަނީ ދޫކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި 4000 ސޯޝަލް ހައުސިންގ ޔުނިޓަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތަކެވެ. އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް ފަންޑް ހޯދުމަށް އިންޑިއާގެ އެގްޒިމް ބޭންކާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. މި 2 ލޯނަކީވެސް ސަރުކާރުގެ ސަވަރިންގ ގެރެންޓީގެދަށުން ހަމަޖެހިފައިވާ ދެ ލޯނެވެ.

އެގޮތުން އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑާއެކު ސޮއިކޮށްފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓާއި، ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއެކު ސޮއިކޮށްފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތަށް 116.45 މިލިއަން ޑޮލަރުގެ ލޯނަކާއި އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެއް އެގްޒިމް ބޭންކުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި 4000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވާ އިންޑިއާގެ ދެ ކުންފުންޏަކީ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓާއި، ސިވިލް ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގައި އިންޑިއާއި ބޭރު ޤައުމުތަކުގައިވެސް ކާމިޔާބު މަސައްކަތްތަކެއްކޮށް، އެތައް ތަޖުރިބާތަކެއް ލިބިފައިވާ ދެ ކުންފުންޏެވެ. މި 2 މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކާ ބޭނުންވާ އެޑްވާންސް ފައިސާ އެގްޒިމް ބޭންކުން ދޫކޮށްފައިވާއިރު، ސައިޓްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް، ޕްރިލިމިނަރީ މޮބިލައިޒޭޝަންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ފްލެޓްތަކުގެ އާކިޓެކްޗަރަލް ޑިޒައިންތައް ފައިނަލް ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރާއެކު ކޮންޓްރެކްޓަރުން އަންނަނީ ކުރަމުންނެވެ. އަދި ފްލެޓްތައް ޑިޒައިންކުރުމުގައި ޖާގައިގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައެއް އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއްދެވިގެންދާނެކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މި 2 މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އޭގެ ތެރޭގައި 3 ކޮޓަރިއާއި 3 ފާޚަނާ ހިމެނޭ 2800 އެޕާޓްމަންޓާއި، 2 ކޮޓަރިއާއި 2 ފާޚަނާ ހިމެނޭ 1200 އެޕާޓްމަންޓް ހިމެނެއެވެ. 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާނެކަމަށާއި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓު ހުންނާނެކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.