ސިޔާސީ

މަދަނީ އިޖުރާއަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަދަނީ އިޖުރާއަތުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މިއަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކުރުމުގެ ބިލެވެ.

މި ބިލުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ. މި ބިލުގައި ހިމެނޭ މުހިންމު އެއްކަމަކީ މަދަނީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ކަނޑައެޅުމެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި 6 އަހަރު ތެރޭގައި ދައުވާ ކުރަން ޖެހޭނެކަމަށް ބިލުގައި ބަޔާންކުރެއެވެ.

މީގެ އިތުރުން ވަޒީފާގެ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރި ތާރީޚެއް ނުވަތަ ވަޒީފާއާ ގުޅޭ މައްސަލައެއް އުފަންވި ތާރީޚުން ފެށިގެން 3 މަސްދުވަސް ނުވަނީސް ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުދަލުގެ މިލްކުވެރިކަމާގުޅޭ މައްސަލަތަކުގައި މިލްކުވެރިކަން ފުރަތަމަ ބަދަލުކުރި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މައްސަލާގައި ދައުވާކުރަން ޖެހޭނެކަމަށާ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި އެ ކަމެއް ހިނގި ތާރީޚުން ފެށިގެން އެއް އަހަރު ވުމުގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށް މަޖިލީހުން ފާސްކުރި ބިލުގައިވެއެވެ.

އަދި އިހުމާލެއްގެ ސަބަބުން ހަށިގަނޑަށް އަނިޔާއެއް ލިބިގެން އޭގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި، އެ އަނިޔާއެއް ހަށިގަނޑަށް ލިބެން ފެށި ތާރީޚުން ފެށިގެން ތިން އަހަރު ދުވަސް ވުމުގެ ކުރިން މައްސަލަ ހުށައަޅަންޖެހޭނެކަމަށާއި، އެފަދަ ފަރާތެއް މަރުވެއްޖެނަަމަ، މަރުވި މީހާގެ ވާރިސުންގެ ފަރާތުން އެމީހަކު މަރުވި ތާރީޚުން ނުވަތަ މަރުވިކަން އާއިލާއަށް އެނގޭ ތާރީޚުން ފެށިގެން، 3 އަހަރު ވުމުގެ ކުރިން މައްސަލަ ހުށައަޅަންޖެހޭނެކަމަށްވެސް މަދަނީ އިޖްރާޢަތުގެ ބިލުގައި ބަޔާންކުރެއެވެ.

މީގެ އިތުރުން ސުލްހަވެރި ހައްލެއް ލިބޭތޯ ބަލަން މިހާރު ވެސް އޮންނަ ފަދަ ޑިސްޕިއުޓް ރިޒޮލިއުޝަން ފަދަ ނިޒާމެއްވެސް މި ބިލުގައި ބަޔާންކުރެއެވެ. ޝަރީއަތުގެ މަރުހަލާގައި ހިނގާ ޚަރަދުތަކަށް މައްސަލާގައި ހިމެނޭ ފަރާތްތައް ޒިންމާ ކުރުވުމަކީވެސް މި ބިލުން މަދަނީ އަދުލުގެ ނިޒާމަށް އަލަށް ތަޢާރަފްކުރާ ކަމެކެވެ.

މި ބިލުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހައި ކޯޓުތަކުގެ މައްޗަށް ހިނގާނެއެވެ. އެހެންނަމަވެސް ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރާއަތާބެހޭ ޚާއްޞަ ޤާނޫނެއްގެ ދަށުން ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓަކުން ޢަމަލުކުރާނީ، އެ ޤާނޫނެއްގައި ބަޔާންކުރާ ޚާއްޞަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

މަދަނީ އިޖުރާއަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.