އެކި ބޭނުންތަކުގައި ރަށަށް ވަދެ ނުކުރުމަށް ކުދި ޑިންގީ ތަކުގައި ދަތުރު ކުރި ފެހެންދޫގައި ސަރުކާރުން ތަރައްގީކުރި ޒަމާނީ ބަނދަރުގެ މަސައްކަތް ނިމި ރައްޔިތުންނަށް މިހާރު ލުއިފަސޭހަކަމާއި އުފާވެރިކަން ލިބިފައިވާކަމަށް އެރަށު ކައުންސިލުން ވިދޅުވެއެވެ.
ފެހެންދޫގައި ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވީ 2019ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ކޯވިޑްގެ ބަލިމަޑުކަމާގުޅިގެން މަސައްކަތްކުރުމަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް އެމަސައްކަތް މިހާރުވަނީ މުޅިން ނިންމާލާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ ނާއިބުރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތް މުޅިން ނިންމާފައިވާކަމަށާ، ބަނދަރު ހެދުމުން ރައްޔިތުން ދަތުރުފަތުރުކުރުމަށް އުފުލަމުންއައި ތަކުލީފު މިހާރު ނިމިފައިވާކަމަށެވެ.
އެމްޓީސީސީއާ ޙަވާލުކޮށްގެން ހެދި މިބަނދަރު ހަދާފައިވަނީ ފެހެންދޫގެ ރީތި ގޮނޑުދޮށް ނުގެއްލޭނެހެން ރަށާއި 200 އެއްހައި ފޫޓު ދުރުގައެވެ. ބަނދަރަށް އަރާފޭބުމަށް ބޭނުން ކުރާނީ ބްރިޖެކެވެ. މީ ސަރުކާރުން މިގޮތައް ފަރުމާކޮށް ހަދާ ނިންމި ފުރަތަމަ ބަނދަރެވެ.
ފެހެންދޫ ބަނދަރުގެ މަސައްކަތުގެތެރެއިން އެއްގަމާއި ބޭރުގައި ތޮށިލައި ފަޅުފުންކޮށް ފަޅަށް ވަދެނުކުމެ ހެދުމަށް ނެރެއްވެސް ވަނީ ކަނޑާފައެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި ދުވާރެއް ހަދައި ބަނދަރަށް އަލިވާނެހެން ބަނދަރުބައްތިވެސް ވަނީ ޖަހާފައެވެ.
ބަނދަރެއް ނެތި މީގެކުރިން ފެހެންދޫ ރައްޔިތުން ތަހައްމަލުކުރީ ހިތްދަތި ދުވަސްތަކެކެވެ. ފެހެންދުއަކީ އެއަތޮޅުގެ އެންމެ އާބާދީ މަދުރަށެވެ. ބަނދަރެއް ނެތުމާއެކު ރަށުގެ ތަރައްގީއަށް ބޭނުންވާ އެތައްކަމަކުން އެރަށުގެ ރައްޔިތުން ތިބީ މަޙުރޫމްވެ، ރަށުބަނދުވެފައޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.
ފެހެންދޫ ފަޅު ތިލަކަމުން މީގެކުރިން އެރަށު ފަޅަކަށް ބޮޑެތި އުޅަނދުފަހަރަކަށް ނުވަދެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ފަޅަށް ވަންނަ އުޅަނދަކަށް ދިޔަވަރު ހިކުމުގެ ކުރިން ނުކުންނަން ޖެހެއެވެ. ނުނުކުމެއްޖެއްޔާ ތާށިވީއެވެ. ދެން އިންތިޒާރު ކުރަންޖެހޭނީ ދިޔަ ބޮޑުވާނެ ވަގުތަކަށެވެ. ނެރެއްގެގޮތުގައި އެމީހުން މިހާތަނަށް ބޭނުން ކުރަމުންއައީ ރަށާ އެއްފަޅެއްގެ ތެރޭގައި އޮންނަ ގޮއިދޫ ނެރެވެ.
ބަނދަރެއްގެ ގޮތުގައި ބޭނުންކުރީވެސް އެރަށު ބަނދަރެވެ. ކިތަންމެ ކުޑަ އެއްޗެއް މާލެއިން ގެންނަންޖެހުނަށް އެއެއްޗެއް ބަލާ ދިއުމަށް އެންމެ މަދުވެގެން 100 ރުފިޔާ އިތުރަށް ޚަރަދުވާކަމަށް އެރަށު މީހުން އަބަދުވެސް ބުނެއެވެ. އެއީ ޑިންގީއެއް ކުއްޔަށް ނަގައިގެން ނޫންގޮތަކަށް އެރަށަށް އެއެއްޗެއް ނުގެނެވޭތީއެވެ. ގުދުރަތީ ގޮތުން މި ރަށްތައް އުފެދިފައި އޮންނަނީ ބޮޑު ފަޅެއްތެރޭގައެވެ. އެހެންކަމުން ގޮއިދުއާއި ފެހެންދުއާ ދޭތެެރޭ ދަތުރު ކުރާނީ މި ފަޅު ތެރެއިންނެވެ. ބައެއްފަހަރު މަސްވެރިކަން ކުރާ އުޅަނދުތައް ދިޔަވަރު ހިކޭ ވަގުތުތަކުގައި މިފަޅުގައި ބީހި ރަށަށް ނުދެވި ފަޅުގައި އަޅާފައި ތިބެންޖެހެއެވެ. މިކަންކަމާހުރެ ލަފާފުރޭނެ ކޮންމެވެސް ފަސޭހަގޮތެއް ހަދައިދިނުމަށް އެދި ކޮންމެ ސަރުކާރެއްގެ ސަމާލުކަމަށްވެސް އެރައްޔިތުން މިކަންގެނެއެވެ.
2008ވަނަ އަހަރު ފެހެންދޫ ސްކޫލް ބަނދު ކުރިހިސާބުން ކުދިންނަށް ތައުލީމް ހޯދައި ދިނުމަށް ގޮއިދޫއަށް ދަތުރު ކުރީވެސް މިފަޅު ތެރެއިންނެވެ. ވިއްސާރަވެ ވައިގަދަވެއްޖެ ނަމަ އޭރު ތިބެންޖެހެނީ ގޮއިދޫގައެވެ.
"ބަނދަރުގައި އޮޑިދޯނިފަހަރު އަޅާލާފާއި އޮންނަތަން ފެނުމަކީ ހިތައް ލިބޭ ފިނިކަމެއް އަދި ބަނދަރުން ދަތުރަށް ތައްޔާރުވެ އުޅަނދަށް އެރުމަކީ ކިހާބޮޑު ލުޔެއްކަން މިއަދު އިޙްސާސް ކުރެވޭ" ފެހެންދޫއިން ވާހަކަދައްކާލި މީހުންބުންޏެވެ.
މިފަދަ އެތައް ދަތިތަކުން އަރައިގަނެވި މިއަދު އެރަށުގެ ރައްޔިތުން ތިބީ އުފަލުންނެވެ. އިޤްތިޞާދީ އެތައް މަސައްކަތެއް ރަށުގައި ފެށޭނެ މަގު ފަހިވުމުގެ ހިތްހަމަޖެހމުގައެވެ. ދަތުރުފަތުރުގެ ލިއުފަސޭހަކަންލިބި އުފާވެރި އެތައް އިޙްސާސެއް މިއަދު އެމީހުން ކުރެއެވެ.