ހިންވަރަކީ ފާދިއްޕޮޅުގެ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ އަތޮޅުގެ މުހިންމު ރަށެކެވެ. އަތޮޅުގައި އެރަށް އޮންނަ ސަރަޙައްދަކީ ވިޔަފާރީގެ ބާރަކަށް ހެދުމަށްއޮތް ހުރަހަކީ ލަފާފުރުމުގެ ދަތިކަމެވެ.
މިމައްސަލަ ޙައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ކައިރި މުސްތަޤުބަލެއްގައި މިމަސައްކަތް މުޅިންނިމި ރަށަށް އެކިގޮތްގޮތުން މަންފާކުރާ ތަނަކަށް ބަނދަރުވެގެންދިޔުމަކީ ހިންވަރު ހުރިހާ ރައްޔިތުންގެވެސް ބޮޑު އުންމީދެކެވެ.
ހިންނަވަރުގެ އުތުރުގައި މީގެކުރިން ބޭނުންކުރަމުން އައީ އެންމެއިހުގެ ޑިޒައިނަކަށް ހަދާފައިވާ ބަނދަރެކެވެ. މިބަނދަރުގެ ބައެއްވެއްޓި ބޭނުންނުކުރެވޭވަރަށް ބަނދަރު ހަލާކުވުމާގުޅިގެން މިބަނދަރާ ގުޅުވައި ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
ހިންނަވަރަކީ ކޮންމެވެސްވަރަކަށް މަސްވެރި އުޅަނދުތައް އޮންނަ ރަށެކެވެ. އަދި ރަށުގައި އަމިއްލަ ފަރާތްތަކުގެ ލޯޗާއި ދޯނި ގިނަ ޢަދަދަކަށް ހުންނައިރު މިރަށަކީ ވިޔަފާރި ބޯޓުތައް ގިނަ ޢަދަދަކަށް އަންނަ ރަށެއްކަން ހިންވަރު ކައުންސިލުން ފާހަގަކުރައްވައެވެ. ބަނދަރު ހަލާކުވުމާގުޅިގެން ގިނަ ދަތިތަކެއް ވިޔަފާރިވެރިންނާއި ޢާއްމު ރައްޔިތުން އުފުލަންޖެހިފައިވާކަމަށް ހިންވަރު ކައުންސިލުން ވިދާޅުވެއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހިންވަރު ކައުންސިލްގެ ރައީސް ޙަސަން ޝާފިއު ވިދާޅުވީ އަލަށް ބަނދަރު ތަރައްޤީކުރަމުންދަނީ ވިޔަފާރީގެ ޕޯޓަކަށް ވާގޮތަށްކަމަށެވެ. ބަނދަރު ތަރައްޤީކުރަމުން އަންނާތީ މިހާރު ބޭނުންކުރަމުން އަންނަނީ ބަނދަރުގެ ބައެކެވެ. މިހާރު ގިނަ ދަތިތަކެއް މިއާއެކު ކުރިމަތިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި ބަނދަރުގެ ފައިދާ ވަރަށް ބޮޑަށް މިރަށަށް ކުރާނެކަމަށް ޝާފިއު ވިދާޅުވިއެވެ.
"ބަނދަރު ރަނގަޅަށް ހެދުނީމަ ރަށުގައި މަސްވެރިން މަޑުކުރުމަށް މަގުފަހިވޭ އޭގެ ސަބަބުން ރަށުގެ ވިޔަފާރިތަކަށް ފައިދާކުރޭ. އަނެއްކާ ކުރިއަށް އޮތްތަނުގައި މަޑިވަރު އެއަރޕޯޓު ހުޅުވުމުން ރަށަށް އަންނަ މީހުން އިތުރުވެގެންދާއިރު ރަނގަޅު ބަދަރެއް އޮތުމުން ސީދާގޮތުން އަދި ނުސީދާ ގޮތުން މީގެ ފައިދާ އެބަލިބޭ." ޝާފިޢު ވިދާޅުވިއެވެ.
ހިންނަވަރުގައި ތަރައްޤީކުރާ އާ ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މަރާމާތުކުރާ ބަނދަރާއި އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރާއެކު ޖުމްލަ 653 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށްޓެއް ލާނެއެވެ. އެމްޓީސީސީއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ މިބަނދަރާއެކު 123 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއްލުމާއި، ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން ބަނދަރު ހިމެނޭ ސަރަހައްދުގެ ބިން ހިއްކާ، ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ބައްތިޖެހުމާއި ބަނދަރު ވަށައިގެން ޕޭވްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 99.5 މިލިއަން ރުފިޔާއަށެވެ.