ޚަބަރު

އިންޑިއާގެ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވަޕްގެ މުއްދަތު އިތުރުކޮށްފި


  • މިއީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމި ނިންމުމެއް

  • ކަރަންސީ ސްވަޕް ފެސިލިޓީ ނަގާފައިވަނީ މިދިޔަ އޭޕްރިލް މަހު

ރިޒާވް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއިން ނަގާފައިވާ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އެ ޤައުމުން އިތުރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ވިދާޅުވީ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް އެ ޤައުމުން ނިންމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންޑިއާގެ ރިޒާވް ބޭންކު މެދުވެރިކޮށް 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ނަގާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 23ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ދޫކޮށްފައިވާ ފެސިލިޓީއެކެވެ.

2024 އިން 2027 އަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަށުން، އިންޑިއާ ރޫޕީޒް ބޭނުންކޮށްގެން ހިންގާ ކަރަންސީ ސްވޮޕްގައި އިންޓްރެސްޓް ރޭޓަށާއި އެހެނިހެން ޝަރުތުތަކަށްވެސް ވަނީ ލުއިތަކެއް ދީފައެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ރިޒާވް ބޭންކު މެދުވެރިކޮށް 1.1 ބިލިޔަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ.



30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވަޕްގެ މުއްދަތު އިތުރު ކުރުމަށް އެ ޤައުމުން ނިންމާފައިވާއިރު އެ ޤައުމުުން ފޯރުކޮށްދިން 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ސަރުކާރުން ވަނީ މިއަހަރު ދައްކާފައެވެ. އަދި 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް 3 ބުރެއްގެ މަތިން ނެގި 150 މިލިޔަން ޑޮލަރުގެ ދަރަނިވެސް ސަރުކާރުން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށް އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ވިދާޅުވީ އެ ޤައުމުގެ ސަރުކާރުން ގެންގުޅުއްވާ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަސައްވުރުގެ ދަށުން ރާއްޖެއަށް ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.