ޚަބަރު

އަލަށް ގެނައި 20 އެމްބިއުލާންސް ރަށްރަށަށް ފޮނުވަން ފަށައިފި


ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރާއްޖެ ގެނައި އިތުރު 20 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. އެމްބިއުލާންސްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އެސްޓީއޯއިން ވިދާޅުވީ ގާތްގަޑަކަށް 2 ދުވަހުގެ ތެރޭގައި ރަށްރަށަށް ބޭނުންވާ މިއެމްބިއުލާންސްތައް ފޮނުވާ ނިމޭނެކަމަށެވެ.

އެމްބިއުލާންސް ނެތް ރަށްތަކަށާއި އެމްބިއުލާންސް ހަލާކުވެފައިވާ ރަށްތަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ސަރުކާރުންވަނީ 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށްޓަކައި އެސްޓީއޯއަށް ހަވާލުކުރީ މިއަހަރުގެ ޖޫންމަހުގެ 10 ވަނަ ދުވަހުއެވެ. މި އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓްގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޝިޕްމަންޓް ގެނެސްފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.

މިފަހަރު ގެނައި އެމްބިއުލާންސްތައްވެސް ފޮނުވުމަށް ހަމަޖެހިފައިވަނީ މި ދަނޑިވަޅަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށެވެ. މިއާއެކު ޖުމުލަ 40 އެމްބިއުލާންސް މިހާތަނަށް ރަށްރަށަށްވަނީ ފޮނުވާފައެވެ.

20 އެމްބިއުލާންސްތައް ފޮނުވާ ރަށްތައް

  • ހދ.ކުމުންދޫ
  • ށ.ބިލެތްފެހި
  • ށ.ނަރުދޫ
  • ނ.ފޮއްދޫ
  • ނ.ކުޑަފަރީ
  • ބ.ކެންދޫ
  • އއ.މަތިވެރި
  • އއ.ބޮޑުފުޅުދޫ
  • އދ.މަންދޫ
  • އދ.ފެންފުށި
  • މ.ދިއްގަރު
  • މ.ކޮޅުފުށި
  • ފ.ފީއަލި
  • ތ.މަންދޫ
  • ތ.ބުރުނީ
  • ތ.ދިޔަމިނގިލި
  • ލ.ކުނަހަންދޫ
  • ގއ.ކޮލަމާފުށި
  • ގއ.ނިލަންދޫ
  • ގދ.ރަތަފަންދޫ


އެސްޓީއޯއިން ވިދާޅުވީ ބާކީ ނުގެނެވިވާ 56 އެމްބިއުލާންސްތައްވެސް ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.
އެސްޓީއޯއިން ރާއްޖެއަށް އެމްބިއުލާންސްތައް ގެނެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަނީ ހިލެއެވެ. އަދި އެސްޓީއޯއިން ރާއްޖެ ގެންނަ މި އެމްބިއުލާންސްތަކަކީ މުޅިން އަލަށް ތައްޔާރުކޮށްގެން ގެންނަ އެމްބިއުލާންސްތަކެކެވެ.

އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތަކަށް ވެފައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ. އަދި އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެމްބިއުލާންސްތައް ގެނެސް، އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. އެމްބިއުލާންސް ފޯރުކޮށްދިނުމުގެ އިތުރުންވެސް، އަތޮޅުތެރޭގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.