ޚަބަރު

ސަރަޙައްދީ ގުޅުންތައް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ގޮވާލައްވައިފި


އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަރަޙައްދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.) ގެ 5 ވަނަ ބައްދަލުވުން 2021 އިފްތިތާޙުކުރުމުގެ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އަބޫދާބީގައި ހޮނިހިރު ދުވަހު ފެށި 2 ދުވަހުގެ މި ކޮންފަރެންސްގެ ޝިއާރަކީ "އިންޑިއަން އޯޝަން: އިކޮލޮޖީ، އިކޮނޮމީ އެންޑް އެޕިޑެމިކް" މި ޝިއާރެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ކަނޑުގެ ސަރަޙައްދަކީ، ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމާ ސީދާ ގޮތުން ގުޅިފައިވާ މުހިންމު ވިޔަފާރީގެ ހަބެއްކަން ފާހަގަކުރައްވަމުން، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތުގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމާއި، ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ސައިބަރ ސެކިއުރިޓީއާއި، އިންސާނީ ވަގުފާރިފަދަ ނުރައްކާތައް އިތުރުވަމުން ދިއުންފަދަ ކަންކަމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަންތައްތައްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެއްވެސް ގައުމަކަށް އެކަނި މަސައްކަތްކޮށްގެން ކުރެވޭނެ ކަމެއް ނޫންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

އަދި، ކޯވިޑް-19 ގެ ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ބައްދަލުވުމުގެ ބައިވެރިންނާއި ޙިއްޞާ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލައި، ރާއްޖެއަށް ކޮންމެވެސް މިންވަރަކަށް އާންމު ހާލަތަށް އާދެވިފައިވާކަން ފާހަގަކުރައްވައި އެކަންކަން ހާސިލުވީ ދުރާލާއި ޞިއްޙީ ޤަވާޢިދުތައް ހަރުދަނާކޮށް ވެކްސިން ކެމްޕޭން ބާރަށް ކުރިއަށް ގެންދެވުނީމައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ވެކްސިން ލިބޭނެ ގޮތަށް އޮތުމަކީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު އެއްކަންތައްކަން ފާހަގަކުރައްވައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު ވެކްސިން ލިބުމުގެ މަގުފަހިކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގެ އ.ދ.ގެ އެޖެންޑާ 2030 ގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މުއްސަނދިންނާއި ފަޤީރުންގެ މެދުގައި އޮންނަ ފަރަޤު ކުޑަކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދެ ފަރާތައް ވެސް ފައިދާގޮތަށް ސަރަޙައްދީ ވިޔަފާރި ކުރިއެރުވުމާއި ދެފަރާތަށް ވެސް ފައިދާހުރި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް ކުރިއެރުވުމަށާއި އަދި ހިންގުމުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް އެއްޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި، އ.ދ.ގެ 26 ވަނަ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26)ގެ ނިންމުންތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުވައިލެއްވިއެވެ. އެގޮތުން ރާއްޖެއަކީ ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ނިސްބަތުން މަދުން ބޭރުކުރާ ޤައުމެއް ނަމަވެސް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއެކު އެންމެބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިއީ ވަރަށްބޮޑު ބޭ އިންސާފު ކަމެއްކަން ފާހަގަކުރައްވައި މިއީ މިކަންކަމަށް ފިޔަވަޅުތައް އަޅަންޖެހޭ ވަގުތުކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއިން 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯ ހާސިލްކުރުމަށް ކުރާ މަސައްކަތާއި ކުނި މެނޭޖްކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، ކަނޑުތަކާއި ފަޅުތަކާއި ކުޅިތައް ހިމާޔަތްކޮށް ނޫ އިޤްތިޞާދެއް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިކަންކަމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ.

އިންޑިއާ ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "އައި.އޯ.ސީ. 2021" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އެސް. ޖަޔަޝަންކަރެވެ. މި ބައްދަލުވުމުގެ މައިގަނޑު ސެޝަންތައް އޮންނާނީ ބައްދަލުވުމުގެ ދެ ވަނަ ދުވަހުގައެވެ. "އައި.އޯ.ސީ. 2021" ފެށުމުގެ ރަސްމިއްޔާތަށްފަހު، ކޮންފަރެންސްގެ ބައިވެރިންގެ ޝަރަފުގައި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޢަލީ އަލް ސައްޔާޙު ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.