ތަޢުލީމު

ށ. ފޭދޫއާއި ލ. މާވަށު ސްކޫލުގައި އިތުރު ކްލާސްރޫމްތައް އަޅަން ބަޔަކާ ޙަވާލުކޮށްފި


ށ. ފޭދޫއާއި ލ. މާވަށު ސްކޫލުގެ ޖާގަ އިތުރުކުރަން ބޭނުންވާ ކްލާސްރޫމްތައް އަޅަން ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ށ. ފޭދޫއާއި ލ. މާވަށު ސްކޫލުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާ ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. އަދި ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޢަބްދުލް ރަޙްމާނެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ށ. ފޭދޫ ސްކޫލުގައި 8 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލެއް އިމާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލ. މާވަށު ސްކޫލުގައި 9 ކްލާސްރޫމް އެޅުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ދެ މަޝްރޫޢަކީވެސް މިއަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށް ގެންދާ ދެ މަޝްރޫޢެވެ.

ށ. ފޭދޫ ސްކޫލުގައި އަލަށް އިމާރާތްކުރާ 8 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތަށް ގާތްގަނޑަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، ލ. މާވަށު ސްކޫލުގައި އިމާރަތްކުރާ 9 ކްލާސްރޫމުގެ މަސައްކަތަށް ގާތްގަނޑަކަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި 2 މަޝްރޫޢުވެސް ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.