ތަރައްްޤީ

މަޑިވަރު އެއަރޕޯޓް މިއަހަރު ނިމުމުގެ ކުރިން ހުޅުވަން ތައްޔާރުވަނީ


ޅ. އަތޮޅު މަޑިވަރު އެއަރޕޯޓުގެ މަސައްކަތް ނިންމާ މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މުއްދަތު ދީފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިކަމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ 29 މެއި 2018 ގައެވެ. ކުރެއްދޫ ހޯލްޑިންގްސްއިން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ.

މަޑިވަރު އެއަރޕޯޓު ހުޅުވޭނެ ތާރީޚަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، މަޑިވަރު އެއަރޕޯޓު މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މުހުލަތެއް ދީފައިވާނެކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްޞީލެއް މިނިސްޓަރ ދެއްވާފައެއްނުވެއެވެ.

"މަޑިވަރު އެއަރޕޯޓް ހުޅުވުމަށް މިހާރު ވަގުތު ދެވިފައިވާނީ 31 ޑިސެމްބަރާއި ހަމައަށް" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މަޑިވަރު އެއަރޕޯޓުގައި ތަރައްޤީކުރަނީ 1200 މީޓަރުގެ ރަންވޭއެވެ. މަސައްކަތުގެ ސްކޯޕްގައި ޓަރމިނަލާއި، އެއަރ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔަރ ބިލްޑިންގ ހިމެނެއެވެ.

މި މަސައްކަތުގައި މަޑިވަރުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުންވެސް ހިމެނެއެވެ. މަޑިވަރު އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރެއްދޫ ހޯލްޑިންގްސްއިން ދަނީ ވަމުންނެވެ. އަދި އެއަރޕޯޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ޅ. އަތޮޅަކީ ގިނަ ރިސޯޓްތައް ހިމެނޭ އަތޮޅެކެވެ. މި ސަރަޙައްދުގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް، ފަތުރުވެރިކަމަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމެވެ.