ރިޕޯޓް

ފެނާއި ނަރުދަމާގެ މަސައްކަތާއެކު މާރަންދޫއަށް އިތުރު ތަރައްގީ


ރާއްޖޭގެ ރަށްތަކަކީ ގުދުރަތީގޮތުން ކިތަންމެ ރީތި ރަށްތަކެއް ނަމަވެސް ކޮންމެ ރަށަކަށްވެސް އެކިކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ޚާއްސަކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބޭ މައްސަލައަކީ ބޮޑުމައްސަލައަކަށް އޮންނަނީ ވެފައެވެ.

ނަމަވެސް މިއަދު ރާއްޖޭގައި ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިޔަށްދާ މަންޒަރެވެ. ރަށް ރަށުގެ އާބާދީގެ ބޮޑު ކުޑަމިނެއް ބެލުމެއްނެތި ސަރުކާރުން ގެންދަނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން މާރަންދޫއަކީވެސް މީގެ ތެރޭގައި ހިމަނާލެވޭ ރަށެކެވެ. މާރަންދޫގައި ކުރިޔަށްދާ ފެނާއި ނަރުދަމާގެ މަސައްކަތަކީ މިހާތަނަށް އެރަށުގައި ކުރިޔަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރަށަށް ބޮޑެތި ތަރައްގީ ތަކެއް ލިބިގެންދާނެ ކަމަށް އެރަށުގެ ރައްޔިތުން ގަބޫލްކުރެއެވެ.

މާރަންދޫއަކީ ފެނާއި ނަރުދަމާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަ ރަށެކެވެ. އެގޮތުން ފެން ލޮނުވުމާއެކު ފެން ތަޣައްޔަރު ވުމަކީ އެރަށުގެ ރައްޔިތުންނަށް މިއަދާ ހަމަޔަށްވެސް އުފުލަން ޖެހިފައިވާ ބޮޑުތަކްލީފެކެވެ. އެރަށުގައި ފެނާއި ނަރުދަމާގެ ރައްކާތެރި ނިޒާމެއް ޤާއިމްކުރެވިފައި ނެތް އިރު، ފާޚާނާތަކުގެ ޖަންގްޝަންތައް ބަހައްޓައި ފެން ހިންދަމުން ދިޔައީ ރަށުގެތެރެއަށް ކަމަށް ވުމުން ރަށުގެ ފެން ތަޣައްޔަރުވެ، ގޭގޭގައި ވަޅުފެން ބޭނުން ނުކުރެވޭހާލަތަށް ދާ ކަމަށްވެސް ރަށުގެ ރައްޔިތުން ބުނެއެވެ.

އަދި ހަމަ އެއާއެކު އެރަށަކީ ފެންތިލަ ރަށަކަށް ވާތީ ބައެއް ހިސާބުތަކުގެ ގޭގޭގެ ޖަންގްޝަން އަވަސް އަވަހަށް ސާފުކުރަން ޖެހުމަކީވެސް ރައްޔިތުނަށް ކުރިމަތިވެފައިވާ ވަރަށް ދަތި އުނދަގޫ އަދި އެކަމުގެ ސަބަބުން އިތުރު ޚަރަދުތަކެއް ކުރަންޖެހިފައިވާ ކަމެއްކަމަށްވެސް ރައްޔިތުން ވަނީ ބުނެފައެވެ.

މާރަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މާރަންދޫގައި ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާ އަކީ އެރަށަށް މިއަދު އެންމެ ބޭނުން އެއް މަޝްރޫއު ކަމަށާއި، މި މަޝްރޫއާއެކު ރައްޔިތުންނަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައި ވާކަމަށެވެ. އަދި މިމަޝްރޫޢާއެކު ޒަމާނުންސުރެއް އެރަށުގެ ރައްޔިތުން ފެނާއި ނަރުދަމާއެއް ނެތި އުފުލަމުން ދިޔަ ތަކްލީފް ތަކަށް ނިމުމެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާރަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދާދިނުމުގެ ގޮތުން އެރަށުގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތްތައް އެމްޑަބްލިޔުއެސްސީން ފަށާފައިވަނީ މިއަހަރުގެ ސެޕްޓެންބަރުމަހުއެވެ.

އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާގެ ހޮޅިވަޅުލުމުގެ މަސައްކަތް ފަށަން މިހާރު ތައްޔާރު ވެފައިވާ ކަމަށްވެސް އެކުންފުނިން ހާމަކުރިއެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 8.21 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މާރަންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.03 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 800 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލްއެއް ގާއިމް ކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ. މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނީ ވެސް އެމްޑަބްލިޔުއެސްސީންނެވެ.

މިއީ 72.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.