ޓުއަރިޒަމް

ފަތުރުވެރިންނަށް މިހާރަށްވުރެވެސް ރައްކާތެރި މާހައުލަކަށް ރާއްޖެ ހަދަންޖެހޭ: ޓޫރިޒަމް މިނިސްޓަރ


ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް މިހާރަށްވުރެވެސް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށް އެކުގައި މަސައްކަތްކުރުން މުހިއްމުކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަން ގުޅިގެން ކުރިއަށްގެންދިޔަ "ޓުއަރިޒަމް ސެކްޓަރ ސެކިއުރިޓީ ވޯކްޝޮޕް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮސްލާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ބައިވެރިވެވަޑައިގަތެވެ.

މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވެ ކުރިއެރުމުގެ އަސްލަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބޭ ފުރިހަމަ މެހެމާންދާރީއާއި ރައްކާތެރިކަމުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވަމުންދަނީވެސް ރާއްޖެ ސޭފް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އޮއިވަރަށް އަންނަމުންދާ ބަދަލުތަކާއެކު އެކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެހެންކަމުން މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާރްތަކުންވެސް މިކަމަށް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުވެފައި މިވަނީ، ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑުމެންނަކީ ރައްކާތެރި މަންޒިލަކަށްވާތީ. އަދި މިކަމުގައި އަޅުގަނޑުމެން އިސްނަގައިގެން މަސައްކަތް ކުރަމުން ގެންދާކަމީ، އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެއް. އެކި ސްޓޭކް ހޯލްޑަރުންގެ ފަރާތުން އަޅުގަނޑުމެން އެބަޖެހޭ، މިކަން ޙައްލު ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން" މިނިސްޓަރ ޑރ. މަޢުޞޫމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ޚާއްސަ އިސްކަމެއްދޭކަމެއްކަމަށާއި، ފަތުރުވެރިކަމާބެހޭ ޤާނޫނުގައިވެސް ފުލުހުންގެ މައްޗަށް އެކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާކަމަށެވެ.

އެހެންކަމުން މިކަމުގައި ފުލުހުން މިހާރު އަމަލުކުރަމުންދާ ފްރޭމްވޯކް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ސިނާޢަތާގުޅުން ހުރި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމާއި، އެފަދަ ކަންކަމުގައި ފުލުހުންގެ އެލާޓްނެސް އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް މިއީ ބޭއްވޭ މުހިއްމު ވޯކްޝޮޕެއްކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.

ސިޕީ ވިދާޅުވީ، ފަތުރުވެރިކަމާގުޅޭ ޚިދުމަތްތައްދޭ ހުރިހާ ތަނެއްގައިވެސް ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެގޮތް ތަފްޞީލުކޮށް ބަޔާންކުރާ އޮޕަރޭޓިންގ މެނުއަލްތަކެއް އޮތުން މުހިއްމުކަމަށާއި އެފަދަ ކަންކަމަށް އެޓެންޑްވާން ތަމްރީން ލިބިފައިތިބި ސެކިއުރިޓީ ސްޓާފުން ތިބުންވެސް މުހިއްމުކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތްވެސް ހިމެނޭހެން މުޅިރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތްވުމަށް ޤައުމީ ފެންވަރެއްގައި އެކަށައަޅަންޖެހޭ ސިޔާސަތުތަކާއި ޕްލޭންތައް ކަމާބެހޭ ފަރާތްތަކުގެ އެހީގައި މިހާރުވެސް އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.

"ޓެރަރިޒަމްގެ ހަމަލާއެއް ކުރިމަތިވެއްޖެ ހިނދެގައި ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ ރެސްޕޯންސް ޕްލޭނެއް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުގެ އެހީގައި ވަނީ އެކުލަވާލެވިފައި. މި ޕްލޭނާއި އެއްގޮތަށް އަމަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުގެ އެންމެ މަތީ ފަންތީގައި ވަނީ ކުރިއަށް ގޮސްފައި. އަދި ވަރަށް އަވަހަށް މިހާރަށްވުރެ އޮޕަރޭޝަނަލް ލެވެލްއެއްގައި އެކަން ކުރެވިގެންދާނެ" ސީޕީ ޙަމީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ދާއިރާގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު މި ވޯކްޝޮޕްގެ ތެރެއިން ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ. މާލެ ސަރަހައްދުގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ސެކިއުރިޓީ މެނޭޖަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކުގައި މަސައްކަތްކުރުމުގެ މަގު ފަހިވެގެންދާނެކަން ފުލުހުން ފާހަގަކުރައްވެއެވެ.

މާލެ ސަރަހައްދުގައި ފަތުރުވެރިންނަށް ޚިދުމަތްދެމުން އަންނަ 59 ފަރާތަކުން މި ވޯކްޝޮޕްގައި ވަނީ ބައިވެރިވެފައެވެ.