ޚަބަރު

ފަތުރުވެރިކަން ފުޅާކުރުމަށް ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ދެނީ


  • ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ކައުންސިލްތަކާ ގުޅިގެން ދަނީ މަސައްކަތްކުރަމުން

  • ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް އެނދުތައް އިތުރުވެގެންދާނެކަމަށް ވިދާޅުވި

ކައުންސިލްތަކުން ބޭނުންވާ ފަދަ ގޮތަކަށް ފަތުރުވެރިކަމުގެ މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށް ހާއްސަ އިސްކަމެއްދީގެން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކާއި ފަޅުތައް ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކުރަމުންދާއިރު، ބައެއް ރަށްތަކުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތްތަކަށް އިޝާރާތްކުރައްވާ ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ނިޔާޒު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ކައުންސިލްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކައުންސިލްތަކާއެކު މަޝްވަރާކޮށް، ފަންނީ އެހީތެރިކަމާއެކު އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކައުންސިލްތަކާއެކުވެސް އެމީހުން ބޭނުންވާފަދަ ގޮތަކަށް ޕްލޭންކޮށްގެން މަޝްވަރާކޮށްގެން އެމްއޯޔޫތައްވެސް ހަދައިގެން އެބޭފުޅުންނަށް އެބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްކޮށް އެކަންކަން އެބޭފުޅުންނަށް ފަހިކޮށްދީގެން، އަޅުގަނޑުމެން އެބޭފުޅުންނާ ގުޅިގެން ފާހަގަކޮށްފަ ހުންނަ ސަރަހައްދުތަކަށް އެބޭފުޅުން ގެންނަން ބޭނުންވާ ޕްރޮޑަކްޓުތައް ގެނެވޭތޯ އެހީތެރިވެ ބިޑް ޑޮކިއުމެންޓޭޝަންއާއި އެކަހަލަ އެބޭފުޅުން ބޭނުންވާ ފަންނީ ލަފައެއް ދީގެން އެބޭފުޅުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންމިދަނީ،" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒުގެ ވާހަކައިގައި ރާއްޖޭގެ މީހުން ދިިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ އޭގެ ސަބަބުން ރަށްރަށުގެ އިގުތިޞާދީ އަދި އުމްރާނީ ތަރައްޤީއަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްއޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އެނދުތައް އިތުރުވެ، އައު ޕްރޮޑަކްޓްތައް ތަޢާރަފުވެގެންދާނެ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މިހާރު މައިގަނޑު ގޮތެއްގައި މެދުރާއްޖެތެރެއަށް ބަރޯސާވެފައި އޮތީ ދަތުރުފަތުރުގެ ގުޅުންތަކާއި އެހެނިހެން ސަބަބުތަކާ ހުރެ ކަމަށް ކަމަށެވެ. އަދި މިގޮތް ބަދަލުކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ފަތުރުވެރިކަން ތަރައްޤީކުރުމަށް ހާއްސަ އިސްކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އެއާޕޯޓެއް ފީސިބަލް ވަނީ އެ ސަރަހައްދެއްގައި 6،000 އާއި 8،000 ދެމެދުގެ އަދަދަކަށް އެނދު ހުރެގެން ކަމަށްވުމާއެކު، އެއާޕޯޓްތަކާއެކު ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫޢުތައް ރޭވިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދާއިރާއަކަށްވެސް ފަތުރުވެރިކަމުގެ ނަފާ ލިބޭނެ ގޮތް ހެދުން ކަމަށްވާއިރު، އަމާޒަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޓޫރިޒަމްގެ ފައިދާ ލިބިގެންދާނެ އިންކްލޫސިވް ސިޔާސަތެއް ތަންފީޒުކުރުން ކަމަށްވެސް ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ނިޔާޒު ވިދާޅުވިއެވެ.