ޖަރުމަންވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޖަރުމަންވިލާތުން ރާއްޖެއަށް ވަނީ 101,366 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އެޤައުމަކީ މިހާރު ރާއްޖެއަށް 4ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ޖަރުމަންވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ޤައުމެކެވެ. މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް 167,822 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.
ޖަރުމަންވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެޤައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ޤައުމެކެވެ. އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ވިޒިޓް މޯލްޑިވްސްއާއި ޑާޓުއަރއިން ވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެތެރޭގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މޯލްޑިވްސް - ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ދަށުން، ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި، ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް 308,913 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެއީ 232,676 ފަތުރުވެރިންނެވެ. 121,239 ފަތުރުވެރިންނާއެކު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން އެއް މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
ގެސްޓް ހައުސްތަކުގައި 349,861 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.