ސިއްހަތު

ސާޖަރީތަކަށް މާލެއިން ޑޮކްޓަރުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް

މާލެއިން ޑޮކްޓަރުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށްގޮސް ސަރޖަރީތައް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައެވެ.

މެންބަރު ރޮޒައިނާގެ ޓުވީޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއެކު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ބަލި މީހުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މާލެއަށް ގެނައުމުގެ ބަދަލުގައި، މާލެއިން ޑޮކްޓަރުން އޭ.އީ.އެޗަށް ވަޑައިގެން ހަދަންޖެހޭ ސަރޖަރީތައް ހެދުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާކަމަށެވެ.

އެކަމަށް ޢަމަލީ ސިފައެއް ގެންނަވާ، އައްޑޫސިޓީގެ މަރަދޫ ފޭދޫއަށް ނިސްބަތްވާ ރައްޔިތެއްގެ ބައްޕަ އޮޕަރޭޝަން ކުރަން މާލެ ފޮނުވުމުގެ ބަދަލުގައި މާލެއިން ޑޮކްޓަރުން އޭ.އީ.އެޗަށްގޮސް އެކަން ކުރެވޭނެގޮތް ހަމަޖެހިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.


ރޮޒެއިނާ ވިދާޅުވީ، މިގޮތަށް ރައްޔިތުންނަށް ފަސޭހަވާގޮތަށް ގާތުން ޚިދުމަތްދެވޭގޮތަށް އޭ.އީ.އޭޗް ބަދަލުވެގެންދިއުމަކީ ކުރާ އުއްމީދެއްކަމަށެވެ. އަދި މިކަން ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް ކުރެއްވި މަސައްކަތް ރޮޒެއިނާ ވަނީ ފާހަގަކުރައްވާފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް ވަރަށް ބޮޑަށް ބަރޯސާވާ ތަނެކެވެ. އެތަނުގެ ޚިދުމަތުގެ ފެންވަރުމަތިކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދިޔަމަހުގެ ފަހުކޮޅު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން، އެ ހޮސްޕިޓަލަށް އިތުރަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ ވަނީ އޮޅުންފިލުއްވާފައެވެ. އަދި "ސަރވިސް އެކްސެލެންސް ޕްރޮގްރާމް"ގެ ނަމުގައި ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަސްޓަމަރ ކެއަރގެ ހުނަރު ތަރައްޤީކުރުމަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއްވެސް ވަނީ ފަށްޓަވައިދެއްވާފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ އެހީތެރިކަމާއެކު ސަބް-ސްޕެޝަލިޓީ ކޮންސަލްޓޭޝަންގެ ޚިދުމަތް ބަލި މީހުންނަށް މިމަހު ވަނީ ދޭން ފަށާފައެވެ.