ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން އަންނަ އޮތް މޯލްޑިވިއަން ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، މިހާރު ރާއްޖެ އަންނަން ފުރާފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވެއްޖެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން މިއަދު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އައުމަށްޓަކައި ސައުދީ ގަޑިން 15:45 ގައި ފުރުމަށް ހަމަޖެހިފައިވާ ފްލައިޓަށް ލަސްވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
އެހެންނަމަވެސް މަތިންދާ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ކޮށް، 2 ގަޑިއިރުގެ ޑިލޭއަކަށްފަހު ހުރިހާ ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކޮށް ޖިއްދާއިން މަތިންދާ ބޯޓު ފުރާފައިވާކަން މޯލްޑިވިއަންއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. މޯލްޑިވިއަންއިން ޢުމްރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓުކަމަށް އެ އެއަރލައިނުން ވިދާޅުވެއެވެ.
މޯލްޑިވިއަނުން އުމްރާ ދަތުރުތައް ފަށާފައިވާއިރު، މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންދިއުމަށްވެސް އެ އެއަރލައިނުން ވަނީ ދަތުުރުތައް ބާއްވާފައެވެ.