ޚަބަރު

ދިއްދޫފަޅަށް ރާގޮނޑިތަކެއް: ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ އެކުވެރިކަމާއި އެއްބައިވަންތަކަން


ހއ.ދިއްދޫގެ ހުޅަނގުފަރާތު ފަޅުތެރެއަށް މިއަދުގެ 11:00 ހާއިރު ވަތް ރާގޮނޑި އައިނުން، 9000.00 ނުވަހާހަށްވުރެ ގިނަ ރާގޮނޑި ހިފައި ރައްޔިތުންނަށް ބަހައިފިއެވެ.

މި ރާގޮނޑި އައިނުން މަސް ހިފުމަށްޓަކައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ނުކުމެފައެވެ. މި މަސައްކަތުގައި، ކުޑަކުދިންނާއި އެކި އުމުރުފުރައިގެ ދެ ޖިންސުގެ މީހުން ބައިވެރިވެފައިވެއެވެ. މަސް ހިފުމުގެ މި މަސައްކަތުން ދިއްދޫގެ ކުދިބޮޑު އެންމެންގެ މެދުގައި އޮތް އެކުވެރިކަން ވަރަށްބޮޑަށް ހާމަވެގެންދިޔައެވެ. ޝަޢުގުވެރިކަމާއި ފޯރީގައި ކުރިއަށްދިޔަ މި ހަރަކާތް ސިފަވަނީ ބޮޑު އީދެއް އައިސްގެން އުޅޭހެންނެވެ.

ރާގޮނޑި ހިފުމުގެ މަސައްކަތް ކުރިއަށްދިޔަ ވަގުތަކީ ބޯކޮށް ވާރޭވެހި ވައި ޖެހެމުންދިޔަ ވަގުތެއްކަމުން މި މަސައްކަތަށް އުނދަގޫތަކެއް ކުރިމަތިވިކަން މަސައްކަތުގެ އުޅުނު އާއްމުރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މީގެ ކުރީންވެސް ކޮންމެވެސް ވަރަކަށް ރާގޮނޑި އައިނުތައް ދިއްދޫގެ ފަޅުތެރެއަށް ވަދެފައިވީ ނަމަވެސް، މިފަހަރު ދިއްދޫގެ ފަޅުތެރެއަށް ވަދެފައި ވަނީ ކުރިޔާ ޚިލާފަށް ބޮޑު ރާގޮނޑި އައިނެއް ކަމަށެވެ. އަދި މިއައިނުން ހިފި މަސްވަނީ ރައްޔިތުންނަށް ބަހާފައިވާ ކަމަށްވެސް ކައުންސިލްގެ ރައީސްވަނީ ބުނެފައެވެ.

މިއަދު ދިއްދޫ ފަޅުތެރެއަށް ދެ ފަހަރެއްގެ މަތީން މި ރާގޮނޑި އައިން ވަނީވަދެފައެވެ. އެންމެ ފުރަތަމަ ރާގޮނޑި އައިން ފަޅުތެރެއަށް ވަދެފައިވަނީ 11:00 ހާއިރުއެވެ. މިއައިން ވަނުމާއެކު ދިއްދޫގެ އާއްމު ރައްޔިތުން ވަނީ ރާނގޮޑި ހިފުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުތަރަމަ ބުރު ކުރިމަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ދެވަނަފަހަރަށް ރާނގޮޑި އައިން ދިއްދޫގެ ފަޅުތެރެއަށް ވަދެފައިވަނީ މެންދުރު އެކެއް ޖަހާއެހާކަށް ހާއިރުއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ދިއްދޫއަށް މިފަދަ ބޮޑު މަސްއައިނެއް ވަން ފުރަތަމަ ފަހަރުކަމަށް ދިއްދޫގެ ކެޔޮޅަކު ވަނީ ބުނެފައެވެ.