ތަޢުލީމު

ނާސްތާ ޕްރޮގްރާމުން އެދެވޭ ނަތީޖާއެއް ނުކުމޭތޯ ބެލުމަށް ދިރާސާއެއްކުރަނީ


ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމުން އެދެވޭ ނަތީޖާއެއް ނުކުމޭތޯ ބެލުމަށް ދިރާސާއެއްކުރުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމުގެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނާސްތާ ޕްރޮގްރާމް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓެއްގެގޮތުގައި ރާއްޖޭގެ 25 ސްކޫލެއްގައި ފެށި މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ސަރުކާރުގެ 213 ސްކޫލުގައި މި ޕްރޮގްރާމް ފަށާފައިވަނީ ހަމައެއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި ޕްރޮގްރާމުގެ ކާމިޔާބީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގްރާމުކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން މި ޕްރޮގްރާމް މެދުކަނޑާލުމާ ހިސާބަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 49،000 ދަރިވަރުން ހެނދުނުގެ ނާސްތާ ނަގާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމަށް މިހާތަނަށް ގާތްގަނޑަކަށް 224 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަން ދެނެގަތުމަށް މިހާތަނަށް ވަކި ދިރާސާއެއް ހެދިފައިނެތްނަމަވެސް، ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ ފީޑްބެކްތަކަށް ބަލާއިރު، މި ޕްރޮގްރާމުން ދަރިވަރުންނަށް ހެޔޮ އަސަރުތަކެއްކުރާކަން ވަޒަންކޮށްލެވޭކަމަށެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ޙާޒިރުނުވުމާއި، ގަޑިޖެހޭ މިންވަރު މަދުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުދިން ފިލާވަޅުތަކަށް ފޯކަސްކުރާލެއްވެސް އިތުރުކަން އެނގޭ. ވަރުބަލިވެގެން، ނުވަތަ ބަލިވެގެން ބަނޑުގައި ރިއްސައިގެން، ބޮލުގައި ރިއްސައިގެން މިކަހަލަ ކަންކަން ދިމާވާލެއް ވަރަށް މަދު މިހާރު ސްކޫލްތަކުގައި. އަދި ކުދިން ސްކޫލަށް މިހާރު އަންނަނީވެސް ވަރަށް އަންނަ ހިތުން. އެކުދިންނަށް ލިބޭ ވަރަށް އުފާވެރި ވަގުތުކޮޅެއް މިއީ ރައްޓެހިންނާއެއްކޮށް ހެނދުނުގެ ނާސްތާ ނަގާލުން. އެހެންވީމަ ކުރިން އެބްޒެންޓްވާ ކުދިންވެސް ގަޑިޖެހޭ ކުދިންވެސް ގަޑިއަށް ސްކޫލަށް އަންނަކަންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ" މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބޭ މަޢުލޫމާތުތަކުގެ އިތުރުންވެސް، ނާސްތާ ޕްރޮގްރާމުގެ ކާމިޔާބީ ދެނެގަނެ، އެޕްރޮގްރާމުން ދަރިވަރުންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ކުރުމަށް ނިންމާފައިވާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން މިވަގުތަށް މި ޕްރޮގްރާމް މެދުކަނޑާލާފައިވީނަމަވެސް، އަންނަ ޖެނުއަރީމަހު އަލުން މި ޕްރޮގްރާމް ސްކޫލްތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށްޓަކާ 135 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ ހިމަނާފައެވެ.