ދީން

"ޤުރުއާނާބެހޭ މަރުކަޒުގެ ފުވައްމުލަކު ސެންޓަރަކީ ސަރަޙައްދީގޮތުން ފާހަގަކޮށްލެވޭ ތަނަކަށްވާނެ"


ފުވައްމުލަކު ސިޓީގައި ތަރައްޤީކުރާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރަކީ ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ތަނަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހެން ވިދާޅުވީ، ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީގެ ގޮފީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ފުވައްމުލަކު ޙާފިޡް އަޙްމަދު ސްކޫލު ހޯލުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއްދޭ ސަރުކާރެއްކަމަށާ، އެކަން ފުވައްމުލައް ސިޓީއަށް އެކަނި ބަލާލުމުންވެސް އެނގިގެންދާނެކަމަށެވެ. ފުވައްމުލައް ސިޓީގެ ރައްޔިތުންނަކީ ޒަމާނުއްސުރެ ދީނީ ކަންކަމަށް ޚާއްސަ ސަމާލުކަމެއްދޭ، ވަކިން ޚާއްސަކޮށް ޤުރުއާން ކިޔެވުމަށާއި، ޤުރުއާން ހިތުދަސްކުރުމަށް ޚާއްސަ ސަމާލުކަމެއްދޭ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ސިޓީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ފުވައްމުލަކުގައި މިހާރު ހުރި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކާ އައު އިމާރާތެއްގެ މަސައްކަތް ކުރިން ފެށިނަމަވެސް ދިމާވި ސަބަބަކާހުރެ އެކަން ކާމިޔާބުވާގޮތްނުވި ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރާއި، ކައުންސިލުގެ ވިސްނުންވެސް ހުރީ އައު އިމާރާތަކީ މާ ފުރިހަމަ ޚިދުމަތްތަކަކާއެކު ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނެއްގެ ގޮތުގައި ތަރައްޤީކުރުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ޤުރުއާނާބެހޭ މަރުކަޒުގެ ގޮފީގެ އައު ޢިމާރާތެއްގެ މަސައްކަތް ފެށުމަށް ކުރިންވެސް ކަންތައްތަކެއް ކުރެވުނު. ނަމަވެސް އޭރު އެކަން ކުރެވޭގޮތެއްނުވޭ. މިހާރު އަޅުގަނޑުމެންގެ ސަރުކާރާއި، މިނިސްޓްރީ އަދި ކައުންސިލުގެވެސް ވިސްނުންހުރީ މާ ފުރިހަމަ ސެންޓަރެއްގެގޮތުގައި އެކަން ހަދާ، މުޅި ސަރަޙައްދަށް އޭގެ ފައިދާ ލިބިގެންދާނެ." ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފި ތަރައްޤީކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާނެކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން ފުވައްމުލައް ސިޓީގެ މޭޔަރަށާއި ރައްޔިތުންނަށް ދެއްވާކަމަށެވެ. އެ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދެއްވާ، މި މަރުކަޒަކީ ނަމޫނާ މަރުކަޒަކަށް ހައްދަވައިދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފި ތަރައްޤީކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އެ ޔަޤީންކަން އަޅުގަނޑު މޭޔަރަށް ދެން. މިތަނަކީ ނަމޫނާ މަރުކަޒަކަށް އަޅުގަނޑުމެން ހަދާނަން" މިނިސްޓަރ ޑރ.ޒާހިރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ގޮފިން ހިންގި ތަފާތު އެކި ކޯސްތައް ފުރިހަމަކުރި 184 ދަރިވަރަކަށް ދަސްވެނިވިކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

މީގެ ތެރޭގައި ޖަމާޢަތްތެރިކަމުގެ ކޯސް ފުރިހަމަކުރި 27 ދަރިވަރަކާއި، ޤިރާއަތު ސެޓްފިކެޓް ލެވެލް 1 ފުރިހަމަކުރި 45 ދަރިވަރަކާއި، ޤިރާއަތު ސެޓްފިކެޓް ލެވެލް 2 ފުރިހަމަކުރި 38 ދަރިވަރަކާއި، ޤިރާއަތު ސެޓްފިކެޓް ލެވެލް 3 ފުރިހަމަކުރި 28 ދަރިވަރަކާއި ޤިރާއަތު ސެޓްފިކެޓް ލެވެލް 4 ފުރިހަމަކުރި 16 ދަރިވަރެއް ހިމެނެއެވެ.

އިމާމުކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި 17 ދަރިވަރަކާއި، ޤުރުއާން މުދައްރިސުކަމުގެ ކޯސް ފުރިހަމަކުރި 13 ދަރިވަރަކަށްވެސް ކޯސް ފުރިހަމަކުރިކަމުގެ ސެޓިފިކެޓް މި ރަސްމިއްޔާތުގައި ވަނީ ޙަވާލުކޮށްފައެވެ.

ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވާފައިވަނީ 2011 ވަނަ އަހަރުގައެވެ. މިހާތަނަށް ތަފާތު އެކި ކޯސްތައް ފުރިހަމަކޮށްގެން 800އަށްވުރެ ގިނަ ދަރިވަރުން ފުވައްމުލައް ގޮފިން ވަނީ ދަސްވެނިވެފައެވެ.