ސިޔާސީ

މިއީ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ރައްޔިތުންގެ ސަރުކާރެއް: ނައިބު ރައީސް


މި ސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ ބައިވެރިވުމާއެކު ހިންގާ ރައްޔިތުންގެ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ފުވައްމުލައް ސިޓީގެ ރައްޔިތުން ޒަމާންތަކެއްވަންދެން އެދެމުންދިޔަ މިފަދަ ބޭނުންތެރިކަމެއް އެމް.ޓީ.ސީ.ސީގެ ސީ.އެސް.އާރްގެ ތެރެއިން ކުރެވިގެންދާތީ އެކަމާ އުފާކުރައްވާކަމަށެވެ. އަދި މިއީ މި ސިޓީގެ ރައްޔިތުންނަށް ޒަމާންތަކެއްވަންދެން ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ލުޔެއްލިބި ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވާނެ މަސައްކަތެއްކަމަށާއި، އުއްމީދަކީ މި މަސައްކަތް ވީހާވެސް އަވަހަކަށް ނިމިގެންދިއުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދުތަކަކާއި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށްކަމަށެވެ. އަދި ފާއިތުވި 3 އަހަރުގެ ތެރޭގައި ބަނދަރު ހެދުން، ބިން ހިއްކުން، ފެނާއި ނަރުދަމާ އަދި މަގުހެދުން ފަދަ މަސައްކަތެއް ނުހިނގާ ރަށެއް ނޯންނާނެކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް ތަފާތު ކުރުމެއްނެތި ސަރުކާރުން ހިންގާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ ތަރައްޤީގެ ލުއިފަސޭހަކަން ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދިނުންކަމަށާއި، ފުވައްމުލައް ސިޓީއަށް އެކަނި ބަލާލުމުންވެސް އެ މަންޒަރު ފެނިގެންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ ސަރުކާރެއްކަމަށެވެ. އަދި ރައްޔިތުންނަށް މުހިއްމުވާ ކަމެއް، އެއީ ކިތަންމެ ކުޑަކަމެއްވިޔަސް، މި ސަރުކާރުން އެކަންކަން ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންނަށް މުހިއްމުވާ ކިތަންމެ ކުޑަކަމެއްވިޔަސް، އެކަމެއް ކޮށްދެވެން އޮތްގޮތަކަށް ސަރުކާރުން ކޮށްދެއްވާނެ. ރައްޔިތުންގެ ސަރުކާރެއް މުޅި ރައްޔިތުންނަށް މިއަދު ފެނިގެން މިދަނީ. ސަރުކާރުގެ ކަންކަން މިއަދު ރައީސް ގެންދަވަނީ ރައްޔިތުން ބޭނުންވާގޮތަށް" ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރު ކުންފުނިތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކައުންސިލްތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި މަޝްރޫޢުތައް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްތަކަކީ ތަޢުރީފު ހައްޤު މަސައްކަތްތަކެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ ފުވައްމުލައް ސިޓީގައި އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫައުގެ ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ މަޝްރޫޢާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.