ތަރައްްޤީ

ފުވައްމުލަކު ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ނައިބު ރައީސް


ފުވައްމުލައް ސިޓީގައި ސަރުކާރުން ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ފުވައްމުލަކު ހޮސްޕިޓަލްގެ ލެބޯޓްރީއަށް އިތުރުކުރެވޭ ބައިގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މި ސަރުކާރުން އަތޮޅު ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުންކަމަށެވެ. އަދި ރައްޔިތުންނާއި ގާތުން ވީހާވެސް ފަސޭހައިން ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ވަޞީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑުތަނުން މިހާރުވެސް އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ލެބޯޓްރީގެ ޖާގަ އިތުރުކުރުމަށް މި ކުރެވޭ މަސައްކަތަކީ ފުވައްމުލައް ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުންކަމަށްވާ ބޭސްފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅޭ އިތުރު މުހިއްމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި ސަރުކާރުން ފުވައްމުލައް ސިޓީގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޓަރޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމުގެ އުފާވެރި ޚަބަރު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

ހަމައެހެންމެ ފުވައްމުލައް ސިޓީ ފުރިހަމަ ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ފުވައްމުލަކުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައި. ދާދި އަވަހަށް އައު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ރައްޔިތުންނަށް ކުލުނުވެރިކަމާއި ލޯތްބާއި އޯގާތެރިކަމާއެކު މުޢާމަލާތުކުރާ އަދި ޚިދުމަތްދޭ ބަޔަކަށްވުމަށް ވަނީ ގޮވާލައްވާފައެވެ.

ފުވައްމުލައް ހޮސްޕިޓަލުގައި މިހާރު ބޭނުންކުރާ ލެބޯޓްރީއަށް އަލަށް އިތުރުކުރެވޭ ޖާގައަކާއެކު، ލެބޯޓްރީ ޑިޖިޓަލައިޒްކޮށް ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތްދިނުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން އަލަށް އިތުރުކުރާ ބަޔާއެކު ޕީ.ސީ.އާރް ޓެސްޓްކުރުމާއި، ސްޕީޗް ތެރެޕީއާއި ފިޒިއޮތެރަޕީފަދަ ޚިދުމަތްތައް ތަޢާރަފުކުރެވިގެންދާނެއެވެ. މިއާއެކު މި ސިޓީގެ ރައްޔިތުން ބޭސްފަރުވާއަށް ކުރާ ޚަރަދު އެތައްގުނައެއް ކުޑަކުރެވި، އަމިއްލަ ވަޒަނުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްތެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.