ސިޔާސީ

215 ކިލޯގެ މަސްތުވާތަކެއްޗާއެކު 2 މީހުން ހައްޔަރުކޮށްފި


215 ކިލޯގެ މަސްތުވާތަކެއްޗާއެކު 2 މީހުން ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ ބުދަ ދުވަހުންފެށިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، މެރިން ޕޮލިހާއި، ފޮރެންސިކް ޑިޕާޓްމަންޓާއި، ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިނެވެ. 215 ކިލޯގެ ހެރޮއިންއާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންނާ ބެހޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއްނުވެއެވެ. މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި އެމް.އެން.ޑީ.އެފްގެ އިތުރުން އިންޑިއާ ސަރުކާރުން ފުލުހުންގެ މުއައްސަސާއަށް ފޯރުކޮށްދިން އެހީތެރިކަން ސީޕީ ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިމަހުގެ 13 ވަނަ ދުވަހުވެސް ވަނީ 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރުކޮށްފައެވެ. އެފަހަރުވެސް ފުލުހުން އަތުލައިގެންފައިވަނީ ހިރޮއިނެވެ. މިތަކެތި ހޯދާފައިވަނީ ފަޅުރަށަކުންނެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލާފައިވާއިރު، 8 މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.