ރިޕޯޓް

ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ: އެމްޓީސީސީ


ހދ ނެއްލައިދޫ ބަނދަރު ތަރައްގީކުުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލެވިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ. ނެއްލައިދޫ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށް ދަނީ އެއްގަމުތޮށި ލުމުގެ މަސައްކަތާއި ހާބަރ ޕޭމަންޓް ހެދުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގެވެސް 97 އިންސައްތަ ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތުގެ 87 އިންސައްތަ މިހާރު ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ނެއްލައިދޫއަކީ ގާމަތީ ރަށަކަށްވުމުން ލަފާފުރުމަކީ އެރަށުގެ ރައްޔިތުންނަށް ޒަމާނުންސުރެ ކުރިމަތިވެފައިވާ ބޮޑުމައްސަލައެކެވެ. އާބާދީގައި 1300 އަށްވުރެ ގިނަ މީހުން އުޅޭ ނެއްލައިދޫގައި ލަފާފުރުމަށާއި މަސްވެރިކަމަށް 60 އަށްވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ.

ސަރުކާރުން ނެއްލައިދޫގައި ފުރަތަމަ ބަނދަރެއް ހަދަން ފަށާފައިވަނީ 2011ވަނަ އަހަރުއެވެ. 400 ފޫޓްގެ މިބަނދަރު ނިންމާ 2016 ވަނަ އަހަރު އެރަށުގެ ރައްޔިތުން ވަނީ އެބަނދަރުގެ ޚިދުމަތް ހޯދަންފަށާފައެވެ. އެހެން ނަމަވެސް މިބަނދަރުގެ ޚިދުމަތް ރައްޔިތުންނަށް ލިބުނީ ކުޑަދުވަސްކޮޅަކަށެވެ. ބަނދަރަށް ވެލިވަދެ ބަނދަރު ބޭނުން ނުކުރެވޭވަރަށް ތިލަވެގެން ދިޔައެވެ. މިއާއެކު އަނެއްކާވެސް ރައްޔިތުންނަށް ލަފާފުރުމުގައި ދަތިތަކެއް ކުރިމަތިވިއެވެ.

2 އަހަރު ރައްޔިތުންނަށް ބަނދަރު ބޭނުން ނުކުރެވި ދިއުމަށްފަހު 2019 ވަނަ އަހަރު އަނެއްކާވެސް ސަރުކާރުންވަނީ ނެއްލައިދޫގެ ބަނދަރު ފުންކޮށް ރައްޔިތުނަށް ބޭނުންކުރެވޭގޮތްހަދާދީފައެވެ. އެހެންނަމަވެސް އެރަށުގައި ބޭނުންކުރާ އުޅަނދުފަހަރު ގިނަވުމާއި އަދި ބަނދަރު ހެދިފައިވާގޮތުން އަނެއްކާވެސް ވެލިއަރާ މައްސަލައެއް ދިމާވެދާނެކަމުގެ ބިރު އޮތްކަން ރައްޔިތުންވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. އަދި އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

''ނެއްލައިދޫއަކީ ޒަމާނުންސުރެއްވެސް ލަފާފުރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަ ރަށެއްކަމަށް. ނަމަވެސް މިއަދުގެ ސަރުކާރުން މިހާރު މިވަނީ ރައްޔިތުން އެދޭ ގޮތަށް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފަ. ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން މިހާރު ބަނދަރު ބޭނުންކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އުޅަނދުތަކަށް ރައްކާތެރިކަން ލިބިގެންދާނެ. އަދި ނެއްލައިދޫގެ ބަނދަރު މިހާރު ޑިޒައިން ކުރެވިފައިވާ ގޮތަށް ބަނދަރުގެ މަސައްކަތް ނިމޭއިރު ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލަޔަށް ހައްލެއް ލިބިގެންދާނެ." ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވިއެވެ.

ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމަށް މިހާރު ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން 62863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، ބިންހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި އަދި 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. މީގެއިތުރުން ނެރުބައްތިއާއި މަގުބައްތި ޖެހުންވެސް މިމަޝްރޫޢުގެ މަސައްކަތުގެތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.