ސިޔާސީ

ރާއްޖެއަށް ލިބުނު ކުރިއެރުންތަކުގެ އަސްލަކީ ބޮޑުތަކުރުފާނުގެ ޤައުމިއްޔަތުގެ އަސާސްތައް - ޝާހިދު


ރާއްޖޭގެ ޤައުމީ ދިދަ ދުނިޔޭގެ އެންމެ އުސް ކުރިބޯއްޓާއި ހިސާބަށް ގެންދެވުނީ ބޮޑުތަކުރުފާނުގެ ޤައުމިއްޔަތުގެ އަސާސްތަކުގެ މަތީގައި ދެމިތިބެ، ކުރި މަސައްކަތުންކަމަށް އދ.ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، އދ.ޢާންމު މަޖިލީހުގެ 76 ބައްދަލުވުމުގެ ރިޔާސަތު ރާއްޖެއަށް ލިބިގެންދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ޝަރަފަކާއި ފަޚުރެއްކަމަށެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަަރ ޝާހިދު ވަނީ އދ.ގެ 76 ވަނަ ޢާންމު މަޖިލިސް ހުޅުވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޤްރީރުކުރައްވަމުން ގެންދެވި ވަގުތު، ރިޔާސަތުގައި އިންނެވި ވަގުތު އެމަނިކުފާނަށް ކުރެވުނު އިޙްސާސްތައް ހިއްސާކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ، 1965 ވަނަ އަހަރު އިނގިރޭސީންގެ އިސްތިއުމާރީ ބާރުން ރާއްޖެ މިނިވަންވުމާއެކު، އދ.ގެ މެންބަރަކަށް ރާއްޖެ ހެދުމަށް އެޖަމިއްޔާގެ ސަލާމަތީ މަޖިލީހުގައި ބަހުސްކުރެވެމުންދިޔައިރު، ދެކެވެމުންދިޔަ އެއް ވާހަކައަކީ ރާއްޖެފަދަ އާބާދީއާއި ވަސީލަތްތައް މަދު ޤައުމަކަށް ބައިނަލްއަޤްވާމީ ކޮންވެންޝަންތަކާއި، މުއާހަދާތަކާއި އުޞޫލުތަކުގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކާއި މައްސޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލުކަން ލިބިފައިވޭތޯކަމާމެދުކަމަށެވެ.

ސެޕްޓެމްބަރުމަހުގެ 21ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އދ.ގެ މައި އިދާރާގައި ތަޤްރީރުކުރެއްވި ދުވަސް އިއްތިފާޤުން ދިމާވީ ރާއްޖެ އެ ޖަމިއްޔާގެ މެންބަރަކަށްވީތާ ބަރާބަރު 56 އަހަރު ފުރުނު ދުވަހާއިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ދުވަހު ރާއްޖޭގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވިއިރު، ރިޔާސަތުގައި ދިވެއްސަކު އިންކަމީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވުން ހައްޤުކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއީ އަދުގެ ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުތައް ވަރުގަދަވުމާއި، ދުނިޔޭގެ ޤައުމުތަކާއެކު ގުޅުންބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ކާމިޔާބީ ފެނިގެންދާކަމެއްކަމަށްވެސް ވިދާޅުވިއެވެ.

"މަނިކުފާނު ދިވެހިރާއްޖޭގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖެއަކީ ބިކަވެ ބާކީވެ އެކަހެރިވެފައިވާ ޤައުމެއް. އަޅުގަނޑުމެން އދ.ގެ ސަލާމަތީ މަޖިލީހަށް ހޮވުމަށް މަސައްކަތްކޮށް ބޮޑުތަނުން ބަލިވެފައި އޮތް ނިކަމެތިވެފައި އޮތް ޤައުމެއް. އެހެންނަމަވެސް މަނިކުފާނު ރިޔާސަތާއި ޙަވާލުވެޑައިގަތުމަށްފަހު އެ ނިންމެވި ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ދުނިޔެއާއި ގުޅިލާމެހުމަށް ބޭނުންވެފައިވާކަން ޤަބޫލުކުރައްވާ އެ ނިންމެވި ނިންމެވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދިދަ މިއަދު ވިހުރެމުން އެދަނީ ދުނިޔޭގެ އެންމެ އުސް ކުރިބޯށީގައި. އެއީ އަޅުގަނޑުމެން ދިވެހި ލޭ ހިނގާ ކޮންމެ ފަރުދެއް، ކޮންމެ ރައްޔިތެއް އެކަމަށްޓަކާ ފަޚުރުވެރިވާންޖެހޭ ހަޤީޤަތެއް" ޝާހިދު ވިދާޅުވިއެވެ.

އދ.ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ޤައުމީ ދުވަސް އެ ބޭފުޅަކަށްޓަކާ ޚާއްސަވާ އުތީމު މަހާރަދުންގެ މަތިވެރި ޖިހާދުން އަދުގެ ޖީލު ދަސްކުރަންޖެހޭ އެތައް އިބުރަތްތެރި ފިލާވަޅުތަކެއް އެބަހުރިކަމަށެވެ.

އެގޮތުން އެމަހާރަދުން ދިވެހި ޤައުމިއްޔަތެއް ބިނާކުރަން ފެއްޓެވި އެންމެ މުހިއްމު އަސާސްތަކަކީ މާތްވެގެންވާ އިސްލާމްދީނާއި، އެކުވެރިކަމާއި އެއްބައިވަންތަކަންކަމަށެވެ. އަދި އުތީމު މަހާރަދުން ރައްޔިތުންނަށް ހާމަކޮށްދެއްވާފައި އޮތީ ޤައުމިއްޔަތެއް ބިނާކުރެވޭނީ ބޭރުގެ ފަރާތްތަކާ އެކުވެރިވެ، އެކަތިގަނޑަކަށްވެގެން ގުޅުން ބާއްވައިގެންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އެންމެ ކުޑަ ހިސާބުން ބައްލަވާ، އެންމެ އާދައިގެ ހިސާބުން ބައްލަވާ އުތީމުން މުހައްމަދު ތަކުރުފާނު ބޭދާޅީއަށްވަޑައިގެން ބޭދާޅިން ބޮޑުއެދުރުކަލޭގެފާނު ކައިރިން ދަރިވަރުވެވަޑައިގަތީ. އެހެން ނޫންނަމަ، ހަމަ ބާރަށު ގޮނޑުދޮށުގައި ނުވަތަ އުތީމު ގޮނޑުދޮށުގައި ހުންނެވިޖެއްޔައިސްތާ. އެހެންނޫން، ޢިލްމު އޮތް ހިސާބަކަށް ދަތުރުކުރެއްވީ. ވަޑައިގެން އެތަނުގައި ހުރި ޢިލްމާއި ތިބި މީހުންގެ ފަރާތުން ލިބެންހުރި އެހީތަކާއި ކަންތައްތައް ހޯއްދެވީ. ގާތްގުޅުން ބޭއްވެވީ. މަލާބާރީންގެ ރާޖާގެ އެހީތެރިކަން ހޯއްދެވީ. އޭނާގެ ލަފާ ހޯއްދެވީ. ޕޯޗުގީޒުންގެ އަތުން ދިވެހިރާއްޖެ މިނިވަންކުރުމަށް ކަންކުރަންވީގޮތުގެ މަޝްވަރާކުރެއްވީ. މިއީ ތާރީޚީ ހަޤީޤަތް. ފޮތްފޮތުގައި ލިޔެ އަޅުގަނޑުމެންނާއި ހިސާބަށް އައިސްފައިއޮތް ހަޤީޤަތް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުނިޔެއާއި ވަކިވެގަނެގެން އުޅެންޖެހޭނެ ބައެއްކަމަށް ވަކާލާތުކުރާ އެންމެން އެ ވަކާލާތުކުރަނީ ބޮޑުތަކުރުފާނު ދިވެހިރާއްޖޭގައި އުފެއްދެވި ޤައުމިއްޔަތާ ދިމާ އިދިކޮޅަށް ދިވެހިރާއްޖެ ބަލިކަށިކޮށްލުމަށްކަމަށެވެ. އަދި ދިވެހިންގެ ޤައުމިއްޔަތު ބިނާވެފައިވަނީ މަލްޓިލެޓެރެލިޒަމަށްކަމަށާއި، އެއީ ބޮޑުތަކުރުފާނުގެ އަސާސްކަމަށާއި، ދިވެހިރާއްޖޭގެ ޤައުމިއްޔަތު ބޮޑުތަކުރުފާނު އެކަށައެޅުއްވިއިރު އެންމެ ބޮޑު އެއްކަމެއްގެގޮތުގައި އޮތީވެސް ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުންކަމަށެވެ.