ތިމާވެށި

ތިމާވެށި ޙިމާޔަތްކުރުމަކީ ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތް: ރައީސް


ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަކީ، ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، 1443 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގުދުރަތީގޮތުން އެތައް މުއްސަނދިކަމެއް ލިބިފައިވާ ހިތްގައިމު ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާމެދު، މިއިން ޒަމާނެއްގައި އަޅުގަނޑުމެން ބިރު ނުގަންނަ މިންވަރަށް މިހާރު ބިރުގަންނަކަމަށެވެ. މިއީ ތޯތޯ ވާހަކައެއް ނޫންކަމަށާއި، މިއީ ޢިލްމީ ޙަޤީޤަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއްގެގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ، ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ޤައުމުތަކަށްކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ޙިއްޞާ ވަރަށް ކުޑަކަމަށެވެ. އަދި ޙަޤީޤަތަކީ މިއީ ކަމުގައި ވިޔަސް، ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީވެސް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މުޅި މުޖްތަމަޢާ ގުޅިފައިވާ މިފަދަ ކަންކަމުން ވެސް ސާބިތުވަނީ، ހުރިހާ ޤައުމުތަކެއް އެކުގައި އެއް ޢާއިލާއެއްގެ ގޮތުގައި އުޅުމުގެ މުހިންމުކަންކަމަށާއި، މިފަދަ ގޮންޖެހުންތަކުން ދޭހަކޮށްދެނީ، ކިތަންމެ ދުރުގައި ކިތަންމެ ވަކިން އޮތަސް، ބައިނަލްއަޤުވާމީ މުޖްތަމަޢާ ވަކިވެގެން އުޅެވެން ނެތްކަންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

"އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން އެދަނީ އިންތިހާއަށް މަތިވަމުން. މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކާ ހެދި ބޮޑެތި ޤައުމުތައްވެސް ގޮތް ހުސްވެއްޖެ. ވީއިރު، ރާއްޖެ ފަދަ، އަބަދުމެ ކަނޑުގެ ރާޅުތައް ވަށައިގެން ބިންދަމުންދާ ތިރި ޖަޒީރާތަކެއްގެ ކުރިމަގާ މެދު ނިކަން ވިސްނާވަޑައިގަންނަވާ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ތާރީޚު ލިޔަމުންދާއިރު އަޅުގަނޑުމެންނަށް މިއަދު ހުއްޓި މިތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލުސްޓޮޕަކަށްކަމަށެވެ. އަދި މިހާ ހިސާބުން ރާއްޖޭގެ ތާރީޚު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ، ނުވަތަ އެފުލުސްޓޮޕާއެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ ނުވަތަ އެއީ މި ޖީލުގެ ދިވެހިން ޖަވާބަކާމެދު ވިސްނަންޖެހިފައިވާ އެންމެ ވަރުގަދަ ސުވާލުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، އަޅުގަނޑުމެންނަކީ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުޞަތު ލިބޭ، އެންމެ ފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ޖަޒީރާތައް ނެތި، ދިވެހިރާއްޖެއެއް ނޯންނާނެ. ދިވެހިރާއްޖެ ނެތް ހިނދެއްގައި ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި، ދިވެހި ޤައުމިއްޔަތެއްވެސް ނޯންނާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެއްކަމަށެވެ. އަދި ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދުވެސް އެމައްޗަށް ބިނާވެފައިވާ، ރާއްޖޭގެ މާޙައުލީ ނިޒާމު އޭގެ ޠަބީޢީ ޙާލަތަށް އިޢާދަކޮށްދިނުމަށް، އާ ޢަޒުމަކާއެކު އެންމެން އެކުގައި ތެދުވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.