ޚަބަރު

ހިޔާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވި މައްސަލަ މިދަނީ ބަލަމުން: އެމްޑަބްލިޔުއެސްސީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 7000 ހައުސިންގ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާތީ، އެކަން ބަލަމުންދާ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން އެމް.ޑަބްލިޔު.އެސް.ސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެެވެ. އަދި ފެން ބިލު ބޮޑުވެފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކާއި، ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަން ދެނެގަނެ، ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ފެންބޮޑުވުމަށް މައިގަނޑު ގޮތެއްގައި ދިމާވާ އެއް ސަބަބަކީ އެޕާޓްމަންޓްތަކުންނާއި ގޭގެ ފެން ވައަރިން، ވޭލްވްތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުން ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ. އެހެންކަމުން ހުރިހާ ކަސްޓަމަރުންވެސް އެޕާޓްމަންޓްތަކުގައި ފެން ލީކެއް އުޅޭތޯ ބެއްލެވުމަށް ސަމާލުކަން ދެއްވުމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފްލެޓްގެ ވޭލްވްތަކާއި އިސްކުރުތައް ރަނގަޅަށް ބާރުކޮށް، އަމިއްލައަށް މީޓަރު އެނބުރޭތޯ ބަލާ، ފެން ލީކެއް އުޅޭކަން ޔަޤީންކުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށްޓަކައި މީހުން ދިރިއުޅެން ނުފަށާ ފްލެޓްތަކުގެ ފެން މީޓަރުގެ ވޭލްވްތައްވެސް ބަންދުކޮށްފައި ބެހެއްޓުމަށްވެސް އެމް.ޑަބްލިޔު.އެސް.ސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވަނީ ފްލެޓްގައި ފެން ލީކެއް އުޅޭކަން ފާހަގަކުރެވޭނަމަ، އެކުންފުނީގެ ހޮޓްލައިން ނަމްބަރ 105 މެދުވެރިކޮށް އެކަން ހުށައެޅުމަށް އަންގަވާފައެވެ.