މުލަކަތޮޅު މުލަކަކީ 2000މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގެ ދިރިއުޅޭ އާބާދީ އުޅެނީ 1500އިން މަތީގައެވެ. ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ މުލަކުގެ ރައްޔިތުންގެ މިވަގުތުގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުގެ މަގުތަކުގެ މައްސަލައެވެ. ވިއްސާރަ މޫސުމުގައި ރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި، އަދި މަގުތަކުގައި ފެންހެދި މަގުތައް ކިސަޑުވެ ޗަކަވުމުގެ މައްސަލަ މުލަކަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
ޚާއްސަކޮށް މުލަކުގެ ބޮޑެތި މަގުތައް ޗަކަވެ މަގުތައް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް މުލަކު ކައުންސިލްގެ ރައީސް އަޙުމަދު ޖަމާލް ވިދާޅުވިއެވެ. ޖަމާލް ވިދާޅުވީ މަގުތަކުގެ މައްސަލައަކީ އެރަށަށް އަބަދުވެސް ކުރިމަތިވަމުން އައި މައްސަލައެއްކަމަށެވެ. ވިއްސާރަވެއްޖެނަމަ މަގުތަކުގައި ފެންހެދި ޗަކަވުމުގެ ސަބަބުން ހިނގާބިނގާވެ އުޅެންވެސް ދަތިވާކަމަށް ޖަމާލް ވިދާޅުވިއެވެ.
"މިއީ އަބަދުވެސް ރަށަށް އޮތް ބޮޑު މައްސަލައެއް. އެކި މަސައްކަތްތަކުގައި ބަރު ވެހިކަލް ދުއްވަން ފެށުމުން މަގުގެ މައްސަލަ އިތުރަށް ބޮޑުވި. އަޑިގުޑަންވެ ކުރިން ހަލާކު ނުވާ ބައެއް މަގުތައްވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި." ޖަމާލް ވިދާޅުވިއެވެ.
ޖަމާލް ވިދާޅުވީ މަގުތައް ތަރައްޤީކުރުމުގައި އިސްކަންދީފައިވަނީ އާއްމުކޮށް ރައްޔިތުން ބޭނުންކުރާ، ޚާއްސަ އިދާރާތައް ހުރި މަގުތައް ހެދުމަށްކަމަށެވެ. އެގޮތުން ސަރުކާރުގެ މުހިންމު އިދާރާތަކާއި ސްކޫލް ހިމެނޭ ސަރަޙައްދުގެ މަގުތައް ހިމެނޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މ. މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ތައްޔާރުވެ، ކާސްޓިންގ ޔާޑް ގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެ ރަށަށް ގެންދެވިފައި.#ޓީމްއާރްޑީސީ pic.twitter.com/EZ6jsKHuEf
— Road Development Corporation Ltd (@rdcmaldives) September 21, 2021
މަގުތަކުގެ މައްސަލަ ޙައްލުކުރުމަށް މުލަކުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކުރީ މިއަހަރުގެ އޭޕްރިލްމަހުއެވެ. މިކަމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު އާރްޑީސީންވަނީ މުލަކުގައި ފަށާފައެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތުގައި ހިމެނޭ ޖަންކްޝަން ހެދުމާއި އެހެނިހެން ކާސްޓިންގ މަސައްކަތްތައް ކުރުމަށް ހަދާ، ކާސްޓިން ޔާޑްގެ މަސައްކަތްތައް މުލަކުގައިވަނީ ފަށާފައެވެ. އާރްޑީސީން މަސައްކަތް ކުރަމުންދަނީ ކާސްޓިންގ މަސައްކަތްތައް ނިންމާ، މަގުތަކުގެ ސައިޓުގައި ޢަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މުލަކުގެ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، 5.8ކިލޯމީޓަރުގެ މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. މަގުތައް ހަދަނީ ފެންހިންދާ ނިޒާމާއި މަގު ބައްތި ޖެހުމުގެ މަސައްކަތާއެކުއެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 1 އަހަރާ 2 މަސްދުވަހުން ނިންމާގޮތަށެވެ. މުލަކުގެ މަގު ހެދުމުގެ މަޝްރޫޢަށް 106 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.