ބ.އަތޮޅު ގޮއިދޫ، ފެހެންދޫ، ފުޅަދޫ މި ތިން ރަށަކީ އެއްފަޅެއްގެ ތެރޭގައި އޮންނަ ތިންރަށެވެ. މީގެތެރެއިން ފެހެންދޫ އާއި ފުޅަދޫ މީހުން ދަތުރުފަތުރުކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ކުދި ޑިންގީތަކެވެ. އެއީ އެފަޅުތަކަށް ވަދެނުކުމެވޭނެ ގޮތެއް ނެތުމުންނެވެ.
މިދެރަށުގައިވެސް ސަރުކާރުން އަންނަނީ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ފެހެންދޫ ބަނދަރުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށް މިމަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވެއެވެ.
ބ.އަތޮޅުގައި އެމްޓީސީސީން ހިންގާ އަދި ނިމިފައިވާ މަޝްރޫއޫތައް ބައްލަވައިލެވުމަށާ، މިހާރު ކުރަމުން ގެންދާ މަސައްކަތްތަކަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް ދެނެގަތުމަށް ކުރެއްވި ދަތުރުފުޅުގައި އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފެހެންދޫ ބަނދަރުގެ މަސައްކަތްކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ ކޯވިޑްގެ އެންމެ ނާޒުކު ދަނޑިވަޅުގައި ކަމަށެވެ. އެހެންނަމަވެސް އެހުރިހާ ކަމެއް ފަހަތައް ޖައްސައި ތަކެތި ލިބޭވަރަކުން މަސައްކަތް މެދު ނުކެނޑި ކުރިއަށްގެންގޮސް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށެވެ.
އެކުންފުންޏާ، މިރަށު ބަނަދަރު ހެދުމުގެ މަސަކަތް ހަވާލުކުރީ 2019ވަނަ އަހަރުގެ ތެރޭގައެވެ. ހަމަ އެހަރުގެ ފަހުކޮޅު ޢަމަލީ މަސައްކަތް ފެށިނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތައް ހީނަރުކަމެއް އައިކަން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.
މި ބަނދަރުގެ މަސައްކަތް އެކުންފުނިން ކޮށްފައިވަނީ ގިނަ ގޮންޖެހުންތަކާ އެކުގައިކަން އަދި ފަޅު ތިލަވެ ރަށަށް އެއްވެސް އުޅަދެއް ކައިރި ނުކުރެވުމަކީ ދިމާވި އެންމެ ބޮޑު އެއްގޮޖެހުންކަމަށާ، މިސަބަބުތަކާހުރެ ބަނދަރު ހެދުމަށް ގިނަދުވަސްތަކެއް ނެގިކަން އާޒިމް ފާހަގަކުރެއްވިއެވެ.
"އެއްވެސް އުޅަދަކަށް ރަށަކަށް މުދާހިފައިގެން ނުވަދެވޭ. ޑިންގީ ކަހަލަ ކުދި އުޅަނދުފަހަރުގައި މިރަށައް އެއްޗެހި ބާލަން ޖެހުނީ. އެއީ އަސްލު ބަނދަރުގެ މަސައްކަތް ލަސްވާން ދިމާވި ސަބަބެއް. ދެން އަނެކާ ބަނދަރުގެ މަސައްކަތް ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ، ކޯވިޑްއާ ގުޅިގެން މުދާ ގެންނަ ގައުމުތައް ބަނދުވުމަކީވެސް ބަނދަރު މުއްދަތައް ނިންމާނުލެވުނު ސަބަބެއްކަމަށް ދެކެނީ." އާދަމް އާޒިމް ވިދާޅުވިއެވެ.
މިމަސައްކަތަށް ރައްޔިތުންނާއި ރަށު ކައުންސިލްތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން އެމްޓީސީސީން ވަނީ ފާގަހަކުރައްވާފައެވެ.
ދަތުރު ފަތުރުކުރަން ފަސޭހަވާނެގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހިމެނޭގޮތައް ބަނދަރުތައް ތަރައްޤީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ފެހެންދޫ ބަނަދަރުގެ މަސައްކަތް ނިންމި ނަމަވެސް ސީއެސްއާރުގެ ދަށުން ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަންކަންވެސް ކޮށްދެއްވާނެކަމަށެވެ.
"މިރަށްރަށަށް އަރައި ބަލާލީމާ މި އެންގެނީ ރައްޔިތުން އުޅޭ ހާލު. ލަފާފުރޭނެ ގޮތެއް ނެތިފައި ރައްޔިތުން މި ތިބެނީ. ބަނދަރާއެކީގައި އިގްތިސާދީ ގޮތުންވެސް ބޮޑެތި ކުރިއެރުން ތަކެއް މިރަށްތަކަށް އަންނާނެކަމަށް ގަބޫލުކުރެވޭ." އާޒިމް ވިދާޅުވިއެވެ.
ފެހެންދޫ ބަނދަރުގެ %95 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް ވަނީ ނިމިފައެވެ. މި ފެށޭހަފްތާތެރޭގައި މިމަސައްކަތްވެސް ނިންމާލެވޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. ބަނަދަރު މުޅިން ނިންމާލުމަށް ދެން ކުރަން އޮތީ އަރާ ފޭބުމަށް ހަދާފައިވާ ބްރިޖުގެ ފިނިޝިން މަސައްކަތްތައް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.