ވިޔަފާރި

ޓްރެވެލް ވީކްލީ އޭޝިއާގައި 5 މަސްދުވަހަށް ރާއްޖެ އިޝްތިހާރުކުރަނީ


ޓްރެވެލް ވީކްލީ އޭޝިއާއާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.

މިއީ ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއާއިބެހޭ މައުލޫމާތު ދިނުމަށް ފަށާ ކެމްޕެއިނެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ޓްރެވެލް ވީކްލީ އޭޝިއާއާއިއެކު ފެށި މި ކެންޕެއިން ކުރިއަށްދާނީ މިއަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށެވެ. މިއީ މޫދު ކުޅިވަރާއި އަދި މޫދަށް ދާން ބޭނުންވާ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ފަށާ ކެންޕެއިނެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެންޕެއިންގެ ތެރެއިން ޓްރެވެލް ވީކްލީ އޭޝިއާ ވެބްސައިޓްގައި ރާއްޖޭގެ އެކިއެކި އެކޮމޮޑޭޝަން ފެސިލިޓީތަކާގުޅޭ މައުލޫމާތު ހިއްސާކުރާނެއެވެ. އޭގެތެރޭގައި ރިސޯޓް، ގެސްޓްހައުސް، ލިވަރބޯޑް، އަދި ހޮޓެލްތަކާއި ގުޅުންހުރި މައުލޫމާތު ހިމެނެއެވެ. މީގެއިތުރުން ރާއްޖެއިން ލިބެންހުރި ކާނާގެ ބާވަތްތަކާއި، ދިވެހި ސަޤާފަތާއި، ރާއްޖެއިން ކުރެވޭ ތަފާތު ތަޖުރިބާތަކުގެ މައުލޫމާތު ހިމަނާނެއެވެ.

މީގެއިތުރުން ޓްރެވެލް ވީކްލީ އޭޝިއާ ވެބްސައިޓްގައި ދިވެހިރާއްޖޭގެ ރީތި މަންޒަރު ދައްކުވައިދޭ ބިލްބޯޑް ވީޑިއޯ އިޝްތިހާރެއް ހަފްތާއަކު 4 ފަހަރު ފެންނަން ހުންނާނެއެވެ. އަދި ޓްރެވެލް ވީކްލީ އޭޝިއާ އީ-މެގަޒިންގެ އޮކްޓޯބަރ އަދަދުގައި ދިވެހިރާއްޖޭގެ އިޝްތިހާރަކާއި އެޑިޓޯރިއަލް ފީޗާއެއް އެކުލެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ކެމްޕެއިން މެދުވެރިކޮށް ރާއްޖެ 159،887 މީހުންނަށް އިޝްތިހާރުވެގެންދާނެއެވެ.

5 މަސްދުވަހުގެ މި ކެންޕެއިންގެ ސަބަބުން ދިވެހިރާއްޖޭގެ ރީތިނަން ދިގު މުއްދަތަކަށް ދެކުނު އިރުމަތީ އޭޝިއާގައި ދެމެހެއްޓިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ކެމްޕެއިންގެ ތެރެއިން މުސްލިމް ފަތުރުވެރިންނާއި، އާއިލާތަކާއި އަދި މަތީ ފަންތީގެ ފަތުރުވެރިންނަށްވެސް ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ.

ޓްރެވެލް ވީކްލީ އޭޝިއާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަތުރުވެރިކަމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރާ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމެވެ. މި ވެބްސައިޓްގައި ޝާއިއުކުރާ މައުލޫމާތާއި ހަބަރު އަދި ލިޔުންތައް 25،000 އަށްވުރެ ގިނަ އިންބައުންޑް އަދި އައުޓްބައުންޑް ޓްރެވެލް އެޖެންޓުންނަށް ފޯރައެވެ.