ކޯވިޑް-19

ހުރިހާ ސްކޫލެއްގެ ބެލެނިވެރިންނަށް "ގްރީން ކާޑު" ދޫކޮށް ނިންމައިފި


ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް "ގްރީން ކާޑު" ދޫކުރުމުގެ މަސައްކަތް ހުރިހާ ސްކޫލެއްގައި މިހާރު ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ގްރީން ކާޑަކީ ސްކޫލްތަކަށް ދަރިވަރުން ބަލާ ދާ ބެލެނިވެރިންނަކީ ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފައި ތިބި ބައެއްކަން ކަށަވަރު ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ކާޑެކެވެ.

މި ކާޑު ޑިޒައިންކޮށް ބެލެނިވެރިންނަށް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދޫކޮށްލާފައެވެ. ބެލެނިވެރިންގެ ވެކްސިން ކާޑުތައް ދެއްކުމުން ގްރީން ކާޑު ދޫކުރުމުގެ މަސައްކަތް ސްކޫލްތަކުގައި މިދިޔަ އޯގަސްޓްމަހުގެ ފަހުކޮޅުން ފެށިގެން ވަނީ ފަށާފައެވެ. އަދި މިހާރު ހުރިހާ ސްކޫލެއްގައި ކާޑު ދޫކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ސްކޫލްތަކަކީ ދަރިވަރުންނަށް ކިޔެވުމަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށް، ކޯވިޑުން ރައްކާތެރިވުމަށް ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިމަހުގެ އެކަކުން ފެށިގެން ވެކްސިން ފުރިހަމަނުކޮށް ތިބޭ ފަރާތްތަކަށް ސްކޫލްތަކަށް ވަދެ ނިކުތުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މީގެތެރޭގައި ސްކޫލް ދަރިވަރުން އިސްތިސްނާވާނެއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައި އޮތުމަށްފަހު، ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާލައި، ސްކޫލަށް ޙާޒިރުވެގެން ކިޔެވުމުގެ ކަންކަން އަލުން ފަށާފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ. ސްކޫލްތަކުގައި ކިޔެވުން އަލުން ފަށާފައިވަނީ ކޯވިޑުން ރައްކާތެރިވުމަށްޓަކާ ފުރިހަމަކުރަންޖެހޭ ގިނަ ފިޔަވަޅުތަކަކާއެކުއެވެ. ދަރިވަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ފައިޒަރ ވެކްސިން ޖެހުމުގެ މަސައްކަތް މާލެއާއި އަތޮޅުތަކުގައި އޯގަސްޓްމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދަނީ ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 190 ސްކޫލެއްގެ 32500 އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ.