މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް ގދ. ތިނަދޫގައި ހުޅުވުމަށް ނިންމާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ވަނީ މިކަމާގުޅޭގޮތުން ތިނަދޫ ކައުންސިލާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވީ، އިމިގްރޭޝަންގެ ޚިދުމަތްތައްވެސް ލާމަރުކަޒުކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ގދ. ތިނަދޫގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމުކުރުމަށް ނިންމާ، އެކަމުގެ މަޝްވަރާތައް ކައުންސިލާއެކު ކޮށްފައިވާއިރު، ކައުންސިލާއެކު ބޭއްވުނު ބައްދަލުވުން ވަރަށް ކާމިޔާބުކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ތިނަދޫގައި އިމިގްރޭޝަން އޮފީސް ހުޅުވާ ހުވަދޫ އަތޮޅަށް އިމިގްރޭޝަންގެ ޚިދުމަތްދޭން ފެށުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒުކޮށް ރާއްޖޭގެ އެކިއެކި ރަށްރަށުން ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމެއް ވީހާވެސް އަވަހަކަށް ހަމަޖެއްސޭނެގޮތަކާމެދު ކައުންސިލްތަކާއެކު މަޝްވަރާކުރަމުން. އެގޮތުން ތިނަދޫގައިވެސް މި މަސައްކަތް ފަށައިގެން މިދަނީ ތިނަދޫގައި އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި އިމިގްރޭޝަންގެ މަސައްކަތްތައް ފުޅާކޮށް ޚިދުމަތްފެށޭތޯ" އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ.
Controller General @hanafymv met with the President and Members of the South Huvadhu Atoll Thinadhoo Council today. Meeting was focused on decentralizing immigration services through Thinadhoo to Huvadhu Atoll.#LaamarukazeeRaajje pic.twitter.com/LkPXaboCTu
— Maldives Immigration (@ImmigrationMV) September 12, 2021
އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވީ، ތިނަދޫ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި އެރަށުގައި ޕާސްޕޯޓުގެ ޚިދުމަތްދޭން ފެށުމާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި ތިނަދޫ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާގުޅޭގޮތުންވެސް މުހިއްމު މަޝްވަރާތަކެއްކޮށް ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.
ޚިދުމަތުގެ ޑިމާންޑަށް ބަލާ ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައިވެސް އިމިގްރޭޝަންގެ އޮފީސްތައް ހުޅުވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ޙުސެއިން ވަނީ ވިދާޅުވެފައެވެ. އަދި އިތުރު ކައުންސިލްތަކާއެކުވެސް މިފަދަ މަޝްވަރާތައް ކުރިއަށްގެންދަވާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގެ އިތުރުން އިމިގްރޭޝަންގެ އޮފީސްތައް އަތޮޅު ތެރޭގައި މިވަގުތު ޤާއިމުކޮށްފައިވަނީ 3 ސަރަހައްދެއްގައެވެ. އެއީ ކުޅުދުއްފުށީ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައެވެ.