ސިޔާސީ

ޤައިދީންގެ ފައިސާއާބެހޭ މުޢާމަލާތްތައް ފަސޭހައިން ބެލެހެއްޓޭނެ ނިޒާމެއް ތަޢާރަފުކޮށްފި


ޤައިދީންނާއި ބަންދުމީހުންގެ ފައިސާއާބެހޭ މުޢާމަލާތްތައް ފަސޭހަކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ތަޢާރަފުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ތަޢާރަފުކުރި މި ނިޒާމަށް ދީފައިވަނީ "ޕްރިޒަނަރ އެކައުންޓްސް މެނޭޖްމަންޓް ސިސްޓަމް"، ޕެމްސްއެވެ. ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، މި ނިޒާމު މިހާރު ބޭނުންކުރަން ފަށާފައިވާކަމަށެވެ.

ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދު މީހުންނަށް ޢާއިލާއިން ފައިސާ މިހާރު ފޮނުވޭނީ ހަމައެކަނި ބަނޑޭރި ޕޭ މެދުވެރިކޮށެވެ. އެހެންނަމަވެސް ޕެމްސްއިން ޢާއިލާއިން ކޮންމެ މަހަކު ބަނޑޭރި ޕޭ މެދުވެރިކޮށް ކަނޑައެޅިފައިވާ އަދަދަށް ޤައިދީންނާއި ބަންދު މީހުންނަށް ފޮނުވާ ފައިސާ އަދި އެލަވަންސް އުޞޫލުން މަސައްކަތްކުރާ ޤައިދީންގެ ފައިސާ ފަސޭހައިން ބެލެހެއްޓުމަށް މަގުފަހިކޮށްދެއެވެ.

މީގެ އިތުރުން ޤައިދީންނާއި ބަންދުމީހުން ވިޔަފާރި އުޞޫލުންކުރާ މުޢާމަލާތްތައް ފަސޭހައިން ބެލެހެއްޓޭނެކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.


ޕެމްސްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބޭނުންކުރާ "ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސިސްޓަމް" އެޓަމްސްގެ އެކައުންޓްސްތަކާބެހޭ މޮޑިއުލްއެވެ. މިގޮތުން އެޓަމްސްއިން ޤައިދީންގެ ހުރިހާ ރެކޯޑްތައް ބަލަހައްޓާއިރު، ޕެމްސްއިން ބަލަހައްޓާނީ އެފަރާތްތަކުގެ ފައިސާއާބެހޭ ރިކޯޑްތަކެވެ.

މި ސިސްޓަމް މެދުވެރިކޮށް ހުރިހާ ޖަލަކާއި ހެޑް އޮފީސް ގުޅުވައިދެއެވެ. މީގެ ސަބަބުން އެއް ޑޭޓާ ބޭސްއަކުން ޤައިދީންގެ ރިކޯޑްތައް ބެލެހެއްޓި، ކަންތައްތައް ކުރުމުގައި ކުރިއަށްވުރެ އަވަސްވެ، ކަރުދާސް ބޭނުންކުރުމާއި ޑަބަލްކޮށްކުރަންޖެހޭ މަސައްކަތްތައް ލުއިވެގެންދާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ. މި ސިސްޓަމް އަބަދުވެސް ލައިވްކޮށް އަޕްޑޭޓްވަމުންދާނެއެވެ. އަދި މީގެ ސަބަބުން މަސައްކަތްތަކުގެ ފެންވަރު ރަނގަޅުވެ، އޮފިސަރުންނާއި މުވައްޒަފުން ޒިންމާދާރުވުން އިތުރުވެގެންދާނެކަމަށްވެސް އެ ސަރވިސްއިން ވިދާޅުވެފައިވެއެވެ.

އެޓަމްސް އާއި ޕެމްސް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައިޓީ ސެކްޝަންގެ ފަންނީ އޮފިސަރުންނާއި މުވައްޒަފުންނެވެ.