ތަޢުލީމު

ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް ޕްރޫފްރީޑްކުރަން ފަށައިފި


ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގެ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކާ ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް ޕްރޫފް ރީޑްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ‏ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމިޓީއެއް އެކުލަވާލައި، ކޮމިޓީގެ މަސައްކަތް ފަށާފައިވާކަމަށެވެ. މި ކޮމިޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށެވެ.

މި ޓީމްތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުންވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްޞީލް ރިޕޯޓެއް އެކުލަވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ އިސްލާމް އަދި ޤުރްއާން ފޮތްތަކުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ގޮތް ދެނެގަތުމަށްވެސް ވަކި ކޮމިޓީއެއް އުފައްދާ، އެ ކޮމިޓީގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ކޮމިޓީގެ މަސައްކަތް ނިންމައި 7 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރަށް ރިޕޯޓު ހުށަހަޅާނެކަމަށް އެ މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. ރިޕޯޓުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެނެވޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި މައްސަލަ ފެންމަތިވުމުން އެންމެ މުހިންމުކަމެއްގެ ގޮތުން، ދަރިވަރުންގެ އަތުން ފޮތްތައް ނަގައި މައްސަލަތައް ރަނގަޅުކުރުމަށް ހުރިހާ ސްކޫލްތަކަށް އަންގާފައިވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އަދި ވަގުތީ ޙައްލެއްގެ ގޮތުން އެސޫރަތްތަކުގެ ޞައްޙަ ކޮޕީއެއް ފޮތްތަކުގައި ތަތްކުރުމަށް ވަނީ އަންގަވާފައެވެ.

މިހާތަނަށް 4 ފޮތެއްގައި މިފަދަ މައްސަލަ ހުރިކަން ފާހަގަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ފޮތްތަކުގައި މައްސަލަތައް ހުރެގެން ވާނޭކަމަކަށް ޤަބޫލު ނުކުރައްވާކަމަށާ، މިކަމުގައި އިހުމާލުވި ފަރާތްތައް ހޯދައި، ފިޔަވަޅު އަޅުއްވާނެކަމަށެވެ.