ޚަބަރު

އިހުގެ އިންޖީނުގެ ބަދަލުކުރުމާއެކު ފައިނަށް ބޮޑު ހިތްހަމަޖެހުމެއް


މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރަށް އިންޖީނުގެތައް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ރ.ފައިނުގެ އިންޖީނުގެ އެރަށުގެ މީހުން ނޫޅޭ ސަރަޙައްދަށް ބަދަލުކޮށްފިއެވެ. މިއީ ގިނަ ދުވަސްތަކެއްވަންދެން އެރަށު ރައްޔިތުން އެދެމުން އައިކަމެއްކަމަށް ފައިނު ކައުންސިލުން ފާހަގަކުރައްވައެވެ.

ރ.ފައިނުގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އައި އިންޖީނުގެ ހުރީ އެރަށުގެ ސްކޫލާ އިންވެގެންނެވެ. އިންޖީނުތަކުގެ އަޑު ގަދަވުމުގެ ޝަކުވާ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން އަބަދުވެސް ކުރާކަމަށް ފައިނު ކައުންސިލުން ފާހަގަކުރައްވައެވެ. ހަމައެއާއެކު މީހުން ދިރިއުޅޭ ސަރަޙައްދެއްގައި އިންޖީނުގެ ހުރުމަކީ އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެވެސް ކަންބޮޑުވުމެއްކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރ.ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވިދާޅުވީ ކުޑަ އާބާދީއެއް ނަމަވެސް ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާކަމަށެވެ. އަދި މިއީ ދެކޮޅު ނުޖެހޭކަމެއްކަން ފާހަގަކުރައްވާ މިހާރު ލިބެން ހުރި ވަޞީލަތްތަކާއެކު ވީއެންމެ އަވަހަކަށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ކުރާ އުއްމީދެއްކަމަށް މޫސާ އުމަރު މަނިކު ވިދާޅުވިއެވެ.


"ކަރަންޓު އަޕްގްރޭޑުކުރުމަށް ފައިނުގައި 250 ކިލޯވޮޓްގެ އިތުރު ޖަނެރޭޓަރެއްވެސްވަނީ ބަހައްޓާފައި. އިންޖީނުގެ ރީލޮކޭޓްކުރުމުގެ އިތުރުން މިހާރު ކުރިއަށް އެބަދޭ ވިއްސަކަށް އަހަރަށް ބޭނުންކުރެވޭނެ ފެންވަރުގެ ކޭބަލް ނެޓްވަރކް އަޕްގްރޭޑުކުރުމުގެ މަސައްކަތްވެސް."މޫސާ އުމަރު މަނިކު ވިދާޅުވިއެވެ

ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ފައިނުގައި ހުރި އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކޮށްފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި މިފަދަ ދުވަސްވީ އިންޖީނުގެތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.