ޚަބަރު

ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ފެނަކައިގެ ޓީމުތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި


ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 70 ރަށެއްގައި މިވަގުތުވެސް މަސައްކަތް ކުރިއަށްދާކަމަށް ފެނަކައިން ހާމަކުރައްވައިފިއެވެ. މީގެތެރެއިން އެންމެ ޙާލަތު ގޯސްކޮށްހުރި ރަށްރަށަށް އިސްކަމެއް ދީފައިވާނޭކަމަށް ފެނަކައިން ވިދާޅުވެއެވެ.

ރަށްރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ރަށްރަށުގައި ހުރި ކަރަންޓު ކެޕޭސިޓީ އިން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ގިނަ ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. މިމައްސަލަ ގިނަ ރަށްރަށަށް ކުރިމަތިވެފައިވާއިރު މީހުން ދިރިއުޅޭ ސަރަޙައްދުގައި އިންޖީނުގެ ހުރުމަކީވެސް ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.

މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަތޮޅު ތެރޭގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކައިން މިހާރުވެސް އަންނަނީ 70 ރަށެއްގައި ކަރަންޓުގެ ޚިދުމަތް އަޕްގްރޭޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިންވެސް އެންމެ ބޮޑަށް އިސްކަން ދީފައިވަނީ އިންޖީނުގޭގެ ޙާލަތު އެންމެ ގޯސްވެފައިވާ ރަށްރަށަށްކަމަށް ފެނަކައިން ވިދާޅުވެއެވެ. މިހާތަނަށް އައިއިރު މިފަދަ 19 ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ޙާލަތު ގޯސްކޮށްހުރި ރަށްރަށުގެ އިންޖީނުގެތައް އަޕްގްރޭޑުކުރުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ އަލަށް ޤާއިމުކުރެވުނު އިންޖީނުތައް ޖެއްސުމުގެ މަސައްކަތްކަމަށެވެ.

"އަޅުގަނޑުމެން ޓާގެޓްކުރީ 2021 ވަނަ އަހަރަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި އިންޖީނުގެ ތަކުގެ ތެރެއިން އެންމެ ޙާލަތު ގޯސްކޮށްހުރި ތަންތަން ނިންމާލާވެނޭކަމަށް. އެކަމަކު މިހާރު ކުރިމަތިވެފައިވާ ޢާލަމީ ވަބާގެ ސަބަބުން މަސައްކަތް ކުރިއަށްގެންދިޔުމުގަ ވަރަށް ދަތިތަކެއްވަނީ ކުރިމަތިވެފަ. މިހާރު މަސައްކަތްކުރަމުން މިދަނީ މިހެން ހުރި ތަންތަން 2022 ވަނަ އަހަރުގެ މެދެއްހާ ހިސާބަށް ދާއިރު ނިންމާލަން."އަޙްމަދު ސަޢީދު ވިދާޅުވިއެވެ.


ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މީގެ 30 އަހަރުކުރިން ޤާއިމުކޮށްފައިވާ އިންޖީނުގެ ތަކުން ބޭނުންވާ ކަރަންޓު ފޯރުކޮށް ނުދެވޭކަމަށް ފެނަކައިން ވިދާޅުވެއެވެ. ރަށްރަށުގައި ހުރި މިފަދަ އިންޖީނުގެތައް އަޕްގްރޭޑުކޮށް މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ގެންދިޔުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. އެގޮތުން މިހާރުވެސް ހއ.ބާރަށާއި ހދ.ނޭކުރެންދޫއާއި، ހދ.ނޮޅިވަރަންފަރާއި ،ހދ.ކުރިނބީއާއި، ފ.ފީއަލީގެ އިތުރުން ނ.ކެނދިކުޅުދޫގައި ފެނަކައިން އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން ހަކަތަ އުފެއްދުމަށްކުރާ ހޭދަ ކުޑަކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ގުޅިގެން ގިނަ ރަށްރަށުގައި ސޯލާ ހަރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޮޑެތި މަޝްރޫޢުތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާއިރު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރަށްރަށުގައި ދުވާލު އެންމެ ލޯޑު ބޮޑުވާ ގަޑިތަކުގައި ބޭނުންކުރާ ހަކަތައިގެ 70 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.